ލީގު 1 - އެމްބާޕޭ ދެލަނޑާއެކު މޮނާކޯ ބަލިކޮށް ޕީއެސްޖީ 8 ޕޮއިންޓްގެ ލީޑަކަށް

ފްރާންސް ލީގު 1 ގައި ރޭ ކުޅުނު މެޗުގައި އެމްބާޕޭ ކާމިޔާބުކޮށްދިން ދެލަނޑާއެކު މޮނާކޯ ބަލިކޮށް ޕީއެސްޖީއިން 8 ޕޮއިންޓްގެ ލީޑަކަށް ޖެހިލައިފިއެވެ.

ރޭގެ މޮޅާއެކު ތާވަލްގެ އެއްވަނާގައި އޮތް ޕީއެސްޖީއަށް 49 ޕޮއިންޓް ލިބޭއިރު، ދެވަނާގައި އޮތް މާސެއިލްއަށް ލިބިފައިވަނީ 41 ޕޮއިންޓެވެ.

ސްޓޭޑް ލޮއިސް 2 ގައި ރޭ ކުޅެވުނު މިމެޗު ޕީއެސްޖީއިން ކާމިޔާބުކޮށްފައިވަނީ 1-4 ގެ ނަތީޖާއަކުންނެވެ.

ޕީއެސްޖީގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު އެމްބާޕޭ ކާމިޔާބުކޮށްދީފައިވާއިރު މިލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ 24 ވަނަ މިނަޓްގައެވެ. ބާރު ދުވެލީގެ ބޭނުންކޮށް އެކަނިމާއެކަނި އޭރިތެރެއަށް ވަނުމަށްފަހު އެމްބާޕޭ ފޮނުވާލި ބޯޅަ ވަދެގެންދިޔައީ ގޯލް ތިރީ ކަނަށެވެ.

އަދި މެޗުގެ ފުރަތަމަ ހާފު ނިމުގެ ކުރިން އިތުރު ލަނޑެއްޖަހައި ޕީއެސްޖީއިންވަނީ ލީޑު ފުޅާކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން މިލަނޑު ކާމިޔާބުކޮށްދިނީ ނޭމާއެވެ.

ޕީއެސްޖީގެ ތިންވަނަ ލަނޑު ސަރާބިއާގެ ފަރާތުން މެޗުގެ 72 ވަނަ މިނަޓްގައި ފެނިގެންދިޔައިރު އޭގެ ފަނަރަ މިނަޓްފަހުން މޮނާކޯގެ ބަކަޔޯކޯ ލަނޑެއްޖަހައި ފަރަގު ކުޑަކޮށްދިނެވެ. ނަމަވެސް ޕީއެސްޖީއިން އަނެއްކާވެސް އިތުރު ލަނޑެއްޖަހިއެވެ. މެޗުގެ އިތުރު ވަގުތުގައި ފެނިގެންދިޔަ މިލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އެމްބާޕޭއެވެ. އެމްބާޕޭވަނީ ޕީއެސްޖީއަށް އެންމެފަހުން ކުޅުނު 10 މެޗުން 9 ލަނޑު ކާމިޔާބުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ