މިހާތަނަށް ހެދި ޓެސްޓުތަކުން މިދިޔަދުވަހުގެ ތެރޭގައި އިތުރު މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެފައި ނުވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ހިމަބިހީގެ ހާލަތާއި ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މިނިސްޓާރު ވިދާޅުވީ، މިދިޔަ 48 ގަޑިއިރުގެ ތެރޭގައި ހިމަބިއްސަށް ޓެސްޓްކުރެވުނު އެއްވެސް މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިނުވާކަމަށެވެ.
ދާދިފަހުން ރާއްޖެއިން ހިމަބިހި ފެނިފައިވާއިރު، ހިމަބިއްސަށް ޝައްކުވެ އެންމެ ފުރަތަމަ ޓެސްޓު ކޮށް ޕޮޒިޓިވް ވީ ތިން އަހަރުގެ ފިރިހެން ކުއްޖަކެވެ. މިކުއްޖާ އަކީ 9 މަހާއި 18 މަހުގައި ދޭންޖެހޭ މީސްލްސް ވެކްސިން ނުދީ ހުރި ކުއްޖެކެވެ. އަދި އެއަށްފަހު 30 އަހަރުގެ ދިވެހި ފިރިހެނަކަށްވެސް ހިމަބިހި ޖެހިފައިވައެވެ. މިދެފަރާތުގެ އިތުރުންވެސް އެހެން މީހަކު ހިމަބިއްސަށް ޕޮޒިޓިވްވިއެވެ.
އަދި މިދެދުވަހު އެއްވެސް މީހަކު މިބައްޔަށް ޕޮސިޓިވްވެފައި ނުވިނަމަވެސް ހިމަބިހި ފެތުރުން ހުއްޓުވަން ކުރަމުންދާ މަސައްކަތް ކުރުމުގައި ސަރުކާރުން ދެމި ތިބޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ވެކްސިން ނުޖަހާ ތިިބި މީހުންގެ ތެރެއިން 18 އަހަރުން ދަށުގެ ކުދިންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިހަފްތާ ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި ވެކްސިން ނުޖަހާ ކުދިންގެ މައުލޫމާތު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، މިދަފްތަރު އެކުލަވައިލުމަށްފަހު ދެންކުރިއަށްދާނީ ވެކްސިން ދިނުމުގެ މަސައްކަތްކަމަށެވެ.



