ރޮނާލްޑޯއަށް ވުރެ އިތުރަށް މެސީއަށް ބެލޮންޑިއޯ ލިބިފައިވުމުން ކަންބޮޑުވޭ: ސާރީ

ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވުރެ އިތުރަށް ލިއޮނަލް މެސީއަށް ބެލޮންޑިއޯ ލިބިފައިވުމުން އެކަމާ ކަންބޮޑުވާކަމަށް ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފިއެވެ.

ރޮނާލްޑޯއަށް އިތުރު ބެލޮންޑިއޯއެއް ހޯދައިދީ ވާދަވެރި މެސީއާއި އެއްވަރުކޮށްދިނުމަކީ އޭނާގެ އުންމީދަކަށްވާއިރު، އެއީ ޔުވެންޓަސްގެވެސް އަމާޒެއްކަމަށް ސާރީވަނީ ބުނެފައެވެ.

"ރޮނާލްޑޯއަށް ވުރެ އިތުރަށް އެހެންކުޅުންތެރިއަކަށް ބެލޮންޑިއޯ ލިބިފައިވުމުން ކަންބޮޑުވޭ." ސާރީ ބުންޏެވެ.

މީގެއިތުރުން ސާރީ ބުނީ، ރޮނާލްޑޯއަށް އިތުރު ބެލޮންޑިއޯއެއް ހޯދައިދޭން ބޭނުންކަމަށާއި، އެއެވޯޑަކީ އޭނާއަށް ޙައްޤު އެވޯޑެއްކަމަށެވެ.

ބެލޮންޑިއޯ އަކީ ދުނިޔޭގެ ފުޓްބޯޅައިގައި ދެވޭ އެންމެ ޝަރަފްވެރި އިންޑިވިޖުއަލް އެވޯޑެވެ. މެސީ މިއެވޯޑް ހަފަހަރު ކާމިޔާބުކޮށްފައިވާއިރު ރޮނާލްޑޯއަށް މިއެވޯޑު ކާމިޔާބުކުރެވިފައިވަނީ 5 ފަހަރެވެ.

މެސީ މިއެވޯޑް ކާމިޔާބުކޮށްފައިވަނީ 2009، 2010، 2011، 2012، 2015 އަދި 2019 ވަނަ އަހަރުއެވެ. އަދި ރޮނާލްޑޯވަނީ 2008، 2013، 2014، 2016 އަދި 2017 ވަނަ އަހަރު މިއެވޯޑު ކާމިޔާބުކޮށްފައެވެ.

އުމުރުން 34 އަހަރުގެ ރޮނާލްޑޯ މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ސީރީއާގައި މިހާތަނަށް ކުޅުނު 16 މެޗުން 14 ލަނޑުޖަހައި 2 އެސިސްޓް ހަދާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ