މާލޭގައި ހަދަމުން ދިޔަ ގެއެއްގެ ތިން ވަނަ ބުރިން ކުޑަދޮރެއް މަގުމައްޗަށް ވެއްޓިއްޖެއެވެ.
ފުލުހުން ވިދާޅުވީ, އެލްމެނިއަމާއި ބިއްލޫރިން ހަދާފައިވާ ކުޑަދޮރު މަގުމައްޗަށް ވެއްޓުނީ އިންފިނިޓީ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން މާފަނުންގައި ހަދަމުން އަންނަ ގެއަކުން ކަމަށެވެ.
ދޮރު މަގުމައްޗަށް ވެއްޓުނު ވަގުތު އެދިމާލުގައި މީހަކު ނެތުމުން މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާއިރު، ދޮރު މަގުމައްޗަށް ވެއްޓުނީ ދޮރު ހަރުކުރަން އުޅެނިކޮށް ކަމަށް ފުލުހުން ވިދާޅުވެއެވެ.
މާލޭގައި ހަދާ އިމާރާތްތަކާއި މީހުން ދިރިއުޅޭ އިމާރާތްތަކުން މަގުމައްޗަށް އެއްޗެހި ވެއްޓުމުގެ ނުރައްކާތެރި ހާދިސާތައް ހިނގުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މިފަދަ ހާދިސާތަކުގައި ބައެއް ފަރާތްތަކުގެ ފުރާނަވެސް ގެއްލިފައިވާއިރު، މި މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރު ވަނީ ނުކުޅެދިފައެވެ.