ސެވިއްޔާއާއި ދެކޮޅަށް ނެރޭ ރެއަލްމެޑްރިޑް ޓީމުގައި އިޢުލާންކޮށްފައިވާއިރު އެޓީމުގައި ގެރެތު ބޭލް އަދި ސާޖިއޯ ރާމޯސް ހިމެނިފައެއްނުވެއެވެ.
ލަލީގާގައި މިރޭ ސެވިއްޔާއާއި ދެކޮޅަށް ރެއަލްމެޑްރިޑް ނުކުންނަ މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 08:00 ގައެވެ.
ރެއަލްމެޑްރިޑާއެކު ފަރިތަކުރުންތަކުގައި ބޭލް އަދި ރާމޯސްވެސް ބައިވެރިވެފައިވެއެވެ. މިދިޔަ ހަފްތާގައި އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު ސުޕަރކޮޕާ ފައިނަލްގައި ރާމޯސްގެ ކުނޑަހުޅަށްވަނީ އަނިޔާވެފައެވެ. އެއާއެކު ގިނަ ފަރިތަކުރުންތަކެއް ރާމޯސްއަށް މިސްވެފައިވީނަމަވެސް ހުކުރު ދުވަހުގެ ފަރިތަކުރުންތަކުގައިވަނީ ބައިވެރިވެފައެވެ.
މީގެ އިތުރުން ސުޕަރކޮޕާ ފައިނަލްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ފެޑެރިކޯ ވަލްވާޑޭއަށްވެސް އެމެޗުގައި ދެއްކި ރަތްކާޑާއެކު ކުރިމަތިވި ސަސްޕެންޝަންގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ.
? Here's our 19-man squad for tomorrow's match against @SevillaFC_ENG!#RMLiga | #HalaMadrid pic.twitter.com/EmALR7GEaV
— Real Madrid C.F. ???? (@realmadriden) January 17, 2020
އެހެންނަމަވެސް މިރޭ ކުޅުމަށް ހަމަޖެހިފައިވާ މިމެޗުގައި ރެއަލްމެޑްރިޑުން ނެރޭ ޓީމުގައި ކަރިމް ބެންޒެމާ ހިމެނުމަކީ ހަމަގައިމުވެސް ސަޕޯޓަރުންނަށް ލިބޭ ހިތްހަމަ ޖެހުމަކަށްވާނެއެވެ. އަނިޔާގެ ސަބަބުން ސުޕަރކޮޕާ ފައިނަލްގައި ބެންޒެމާ ކުޅެފައެއް ނުވެއެވެ.
ރެއަލްމެޑްރިޑް ތާވަލްގެ ދެވަނާގައި އޮތީ ވާދަވެރި ބާސެލޯނާއަށްވުރެ ފައިދާ ދެ ގޯލް މަދުން ލިބިގެންނެވެ. ބާސެލޯނާއަށާއި ރެއަލްމެޑްރިޑަށް 19 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ.




