ލަލީގާ - ސެވިއްޔާ ބަލިކޮށް ރެއަލްމެޑްރިޑް އެއްވަނައަށް

ސްޕެނިޝްލަލީގާގައި ރޭ ސެވިއްޔާ އަތުން ލިބުނު މޮޅާއެކު ތާވަލްގެ އެއްވަނަ އަށް ރެއަލްމެޑްރިޑް ޖެހިލައިފިއެވެ.

43 ޕޮއިންޓާއެކު ތާވަލްގެ އެއްވަނަ ރެއަލްމެޑްރިޑަށް ލިބެނީ ވާދަވެރި ބާސެލޯނާއަށްވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. މީގެއިތުރުން ރޭ ލިބުނު މޮޅާއެކު ރެއަލްމެޑްރިޑުންވަނީ މެޗަކުން ބަލިނުވެ 91 ދުވަސް ހަމަކޮށްފައެވެ.

ބާނަބޯގައި ސެވިއްޔާއާއި ދެކޮޅަށް ރޭ ކުޅުނު މެޗު ރެއަލްމެޑްރިޑުން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑުތަކެއްވެސް މެޗުގެ ދެވަނަ ހާފުގައި ފެނިގެންގޮސްފައިވާއިރު، ރެއަލްމެޑްރިޑްގެ ދެލަނޑުވެސް ޖަހައިދިނީ ކަސެމީރޯއެވެ. ސެވިއްޔާގެ ހަމައެކަނި މެޗުގެ 64 ވަނަ މިނަޓްގައި ޖަހައިދިނީ ލޫކް ޑިޔޮންއެވެ.

މެޗުގައި ލޫކް ޑިޔޮން ޖެހި ފުރަތަމަ ލަނޑު ވީއޭއާރު ބެލުމަށްފަހު ކެންސަލްކޮށްފައިވުމުން އެކަމާ ނުރުހުން ފާޅުކޮށް ސެވިއްޔާ ޓީމުންދަނީ ބަސް ބުނަމުންނެވެ. އެގޮތުން އިތުރު ލަނޑެއް ކެންސަލްކުރި ނަމަ ދަނޑަށްއަރައި އޭނާގެ ޓީމު ދަނޑުން ބޭލިސްކަމަށް ސެވިއްޔާގެ ފުޓްބޯޅަ ޑިރެކްޓަރުވަނީ ބުނެފައެވެ.

ލޫކް ޑިޔޮން ބޮލުން ޖެހި މިލަނޑާއެކު ސެވިއްޔާއަށް ލީޑު ލިބުނުކަމަށް ހީކުރެވުނު ނަމަވެސް ލަނޑުޖެހުމުގެ ކުރިން ސެވިއްޔާގެ މުނީރް އަތުގައި ބޯޅަ ޖެހިފައިވުމުން ވީއޭއާރު ބެލުމަށްފަހު ރެފްރީވަނީ އެލަނޑު ކެންސަލްކޮށްފައެވެ.

ރެއަލްމެޑްރިޑުން އެންމެފަހުން ބަލިވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އެމަހުގެ 19 ވަނަ ދުވަހު ރެއަލްމެޑްރިޑް ބަލިވީ ރެއަލް މަލޯކާއާއި ވާދަކޮށެވެ. އޭގެ ފަހުން ބަލިނުވެ މިއަދާއި ހަމައަށް 17 މެޗު ރެއަލްމެޑްރިޑުންވަނީ ކުޅެފައެވެ.

އަދި މިދުވަސްތަކުގައި ލަލީގާގައި ކުޅުނު 11 މެޗުގެ ތެރެއިން 7 މެޗުން ރެއަލްމެޑްރިޑް މޮޅުވެފައިވާއިރު 4 މެޗުންވަނީ އެއްވަރުވެފައެވެ.

ބާސެލޯނާއިން އެނބުރި ތާވަލްގެ އެއްވަނައަށް އަރަން ބޭނުންނަމަ ޖެހޭނީ މިރޭ ގްރަނާޑާއާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވާށެވެ. ކޭމްޕްނޯގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗު ފަށާނީ މިރޭ 01:00 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ