އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް އަދި ޗެލްސީ ބައްދަލުކުރި މެޗުގައި ނިއުކާސަލްގެ އިސާކް ހޭޑެން ފަހު ވަގުތު ޖެހި ލަނޑުން ޗެލްސީ މާޔޫސްކޮށްލައިފިއެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާދީފައިވަނީ ހޭޑެންއެވެ. މިލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ 94 ވަނަ މިނަޓްގައެވެ. މިލަނޑާއެކު ވަރުގަދައަށް ކުޅެމުންދިޔަ ޗެލްސީ 1-0 ގެ ނަތީޖާއަކުން ބަލިވެ މުޅިން މާޔޫސްވިއެވެ.
ރޭ ނިއުކާސަލްއަށް ހޭޑެން ޖަހައިދިން ލަނޑަކީ ޕްރިމިއާ ލީގުގައި އޭނާ ކާމިޔާބުކޮށްދިން ތިން ވަނަ ލަނޑެވެ. ނިއުކާސަލް ދަނޑުގައި ޗެލްސީއިން އެންމެފަހުން ކުޅުނު 7 މެޗުގެ ތެރެއިން 5 މެޗުން ދަށްވެފައިވާއިރު، މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި އެއް މެޗުންވަނީ އެއްވަރުވެފައެވެ.
ރޭގެ މެޗަށް ޗެލްސީ ނުކުމެފައިވަނީ ކުރީ ހަފްތާގައި 3-0 ގެނަތީޖާއަކުން ބާންލީގެ މައްޗަށް ކުރި ލިބިފައިއޮތުމާއެކު ވަރަށް އިތުބާރާއި ފޯރިއާއެކުއެވެ. އެގޮތުން ރޭގެ މެޗުގައި ޗެލްސީއިން ބޯލް ޕޮސެސަން %70 ގައި ހިފަހައްޓާލާފައިވެއެވެ. އަދި ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއްވެސް އުފެއްދިއެވެ.
އެގޮތުން ޗެލްސީގެ ފޯވާޑު ޓެމީ އަބްރަހަމްއަށް ލިބުނު ފުރުޞަތުތައް ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް ޗެލްސީއަށް ސުމެއް ކަނޑުވާލެވޭގޮތްވަނީ ނުވެފައެވެ.
ރޭގެ ބައްޔަކީ 'ބޮކްސިންގ ޑޭ' އަށްފަހު ޗެލްސީ ބަލިވި ފުރަތަމަ ފަހަރެވެ. 23 މެޗުން ލިބުނު 39 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނާގައި ޗެލްސީ އޮތްއިރު، މެންޗެސްޓާރ ޔުނއިޓެޑް ފަސްވަނާގައި އޮތީ 34 ޕޮއިންޓާއެކުގައެވެ.



