އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު | ފޮޓޯ : އޭޖީ އޮފީސް

2019 ވަނަ އަހަރު ދައުލަތުން އެންމެ ގިނައިން ވަކާލާތުކޮށްފައިވަނީ ވަޒިފާއާއި ބެހޭ މައްސަލަތަކުގައި

2019 ވަނަ އަހަރު ދައުލަތުން އެންމެ ގިނައިން ވަކާލާތުކޮށްފައިވަނީ ވަޒީފާއާއި ބެހޭ މައްސަލަތަކުގަ އެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުން މިއަދު އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ވަޒީފާއާއި ބެހޭ މައްސަލަތަކުގައި ދައުލަތާއި ދެކޮޅަށް ދައުވާކުރި 60 މައްސަލައެއްގައި މިދިޔަ އަހަރު ދައުލަތުންވަނީ ވަކާލާތު ކޮށްފައެވެ.

މިދިއަ އަހަރު ދައުލަތުން ދައުވާ ކުރި މައްސަލަތަކަށް ވުރެ ދައުވާ ރައްދުވި މައްސަލަތައް އިތުރެވެ. މިދިއަ އަހަރު ދައުލަތާ ދެކޮޅަށް 226 މައްސަލަ ކޯޓުގައި ކުރިއަށް ދިޔައެވެ. ނަމަވެސް ދައުލަތުން އިސްވެ ދައުވާ ކުރީ 158 މައްސަލާގައެވެ.

ނަމަވެސް އޭގެ ކުރި އަހަރު، 2018 ވަނަ އަހަރު ދައުލަތަށް ރައްދުވި މައްސަލަތަކަށް ވުރެ، ދައުލަތުން އިސްވެ، ދައުވާ ކުރި މައްސަލަތައް ގިނައެވެ. އެގޮތުން އެ އަހަރު ދައުލަތުން އެކި މީހުންނަށާއި ކުންފުނިތަކަށް ދައުވާ ކުރި މައްސަލަތަކުގެ އަދަދު 429 އަށް އަރައެވެ.

މިދިޔަ އަހަރު އެޓަރނީ ޖެނަރަލް އޮފީހުގެ ޤާނުނީ ވަކީލުން 1924 އަޑުއެހުމަކަށް ހާޒިރުވެ، ވަކާލާތުކޮށްފައިވާއިރު، ދައުލަތުގެ އިދާރާތަކަށް ރައްދުވި ދައުވާތަކުގެ ތެރެއިން އެންމެ ގިނައިން އޭޖީ އޮފީހުގެ ވަކީލުން ކޯޓުގައި ވަކާލާތު ކުރަންޖެހުނީ ފުލުހުންގެ މުއައްސަސާއާ ގުޅޭ ގޮތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައެވެ. އެގޮތުން ފުލުހުންނާ ދެކޮޅަށް، ދައުލަތަށް ރައްދުވާ ގޮތަށް 43 މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު، ހައުސިން މިނިސްޓްރީއާ ދެކޮޅަށް ވެސް 26 މައްސަލަ ކޯޓަށް ހުށަހަޅާފައިވެއެވެ.

މައްސަލަ ހުށައެޅިފައިވާ ކޯޓުތަކަށް ބަލާއިރު އެންމެ ގިނަ މައްސަލަ ހުށައެޅިފައިވަނީ ސިވިލް ކޯޓަށެވެ. ސިވިލް ކޯޓުގައި 138 މައްސަލަ، ހައިކޯޓުގައި 26 މައްސަލައެއް، ވަޒީފާޔާ ބެހޭ ޓްރިބިއުނަލްގައި 22 މައްސަލަ، ސްޕްރީމް ކޯޓުގައި 19 މައްސަލަ އަދި މެޖިސްޓްރޭޓް ކޯޓުތަކަށް 19 މައްސަލައެއް ހުށައެޅިފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ