"އެޖެންޑާ 19 އަކީ ދޮން މީހުން އުޅޭހެން އުޅުން"

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން ޕްރޮމޯޓް ކުރަމުންދާ "އެޖެންޑާ 19" އަކީ ދޮން މީހުން އުޅޭހެން އުޅުންކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރަލުގެ ވިޔަފާރިން އިންތިހާއަށް ފައިދާވެ، މުއްސަނދިވާނެކަމަށް ވިދާޅުވެ ދިވެހިރާއްޖޭގެ ގެސްޓްހައުސްތަކުގައި ރަލުގެ ވިޔަފާރި ކުރުމަށް ހިތްހަރުދެއްވައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި އުމަރު ނަސީރު ވިދާޅުވީ، އެޖެންޑާ 19 އަކީ ކޮން އެއްޗެއްކަން މިހާރު ވަރަށް ސާފުކަމަށެވެ.

"އަންނިގެ އެޖެންޑާ 19 އަކީ ކޯއްޗެއްކަން މިހާރު ވަރަށް ސާފު. އެޖެންޑާ 19 އަކީ ދޮން މީހުން އުޅޭގޮތަށް އުޅުން. ރާވެސް ބޮވޭނެޔޭ، ޒިނޭވެސް ކުރެވޭނޭ، ޖުވާވެސް ކުޅެވޭނޭ، އެމީހުން އުޅޭނެ ދީނަކަށްވެސް އުޅެވޭނޭ، އެއީ އެޖެންޑާ 19 އަކީ." އުމަރު "ފެށުމަށް" ވިދާޅުވިއެވެ.

"ފެށުމަށް" ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި އުމަރު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރެއް އޮތް މިދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެނަމަ، އެފަދަ ބޮޑެތި ޖަރީމާތަކެއް ހިންގާނެކަމާ މެދުގައި ޝައްކު ނުކުރައްވާ ކަމަށެވެ.

"މިހާރު އެމީހުންގެ (އެމްޑީޕީއަށް) ސަރުކާރު އޮވެފައި، އެމީހުނަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖިއްޔާ އެކަން ކުރާނެކަމާމެދު ޝައްކެއް ނެތް. އެކަން އެކަންޏެއް ނޫން ކުރާނީ، އެމީހަކު އުޅޭނެ ދީނަކަށް އުޅެން ފުރުޞަތު ދިނުން، އެމީހަކު އިންނާނެ މީހަކާ އިންނަން ފުރުޞަތު ދިނުން، ރާބޯން ހުއްދަދިނުން، މިހިރީ ހަމަ ހައްތަހާވެސް ކުރާނެ ކަންކަން." އުމަރު ނަސީރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަތަކީ ނަޝީދުގެ އެކަނި ވާހަކަ ނޫން ކަމަށާއި، އެއީ އެމްޑީޕީގެ ސިޔާސަތު ކަމަށާއި، އެޖެންޑާ 19 އަކީ އަންނަން އޮތް ސިޔާސަތެއް ކަމަށެވެ.

"ނަޝީދުގެ އަސްލު ބޭނުމަކީ، ރާއްޖެ ހުޅަނގުގެ ލިބަރަލް ޤައުމެއް ގޮތަށް ބަދަލުކޮށްލުން. އެއީ އެބުނާ އެހެން ޤައުމިއްޔަތަކީ، އެއީ އެބުނާ ދޮންމީހުން އުޅޭގޮތަށް އުޅުމަކީ. ހުޅަނގުގެ ލިބަރަލް ސޮސައިޓީތަކުގައި ރާ ވިއްކޭނެ، ނައިޓްކަލަބްތައް އޮންނާނެ، ޖުވާ ވެސް ކުޅެވޭނެ، ޒިނޭވެސް ކުރެވޭނެ، މިކަންކަން ކުރެވޭނީ ހުޅަނގުގެ ލިބަރަލް ސޮސައިޓީތަކުގައި، އެއީކީ ސައްތައިން ސައްތަ އިސްލާމިކް އައިޑެންޓިޓީއެއް އޮންނަ ޤައުމެއްގަ ކުރެވޭނެ ކަންކަމެއް ނޫން. އެއީ އެބުނާ އަނެއް ޤައިމިއްޔަތަކީ، އެއީ އެބުނާ އެހެން ދިމާލަކަށް ގެންދިއުމަކީ، އެއީ އެބުނާ އެޖެންޑާ 19 އަކީ، އެއީ އެބުނާ އަނެއް ދިވެހިރާއްޖެއަކީ." އުމަރު ވިދާޅުވިއެވެ.

އުމަރު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ ރަށްތަކުގައި ރާ ވިއްކަން ނަޝީދުގެ ވެރިކަމުގައި ތިން ފަހަރަކު މަސައްކަތް ކުރި ކަމަށާއި، އެކަން ކުރެވޭގޮތަށް ގަވާއިދު ބަދަލުކޮށް ދެ ފަހަރަކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި ކަމަށާއި، ރާއްޖޭގެ ރަށްތަކުގައި ރާ ވިއްކަން ފަށައިފިނަމަ، އެކަންކަން ނުބެލެހެއްޓި، ދިވެހިންގެ ތެރެއިން ގިނަ ބަޔަކީ ރާ ބޯ ބަޔަކަށްވެ، މުޅި ޤައުމުގެ އިސްލާމީވަންތަކަން ފުނޑުފުނޑުވެގެންދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް