ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ވެބް ސީރީޒް "ހުވާ" ގެ ކާމިޔާބު ފުރަތަމަ ސީޒަންއަށްފަހު ދެވަނަ ސީޒަންއެއް ގެނެސްދޭނެކަން އިއުލާންކުރި ހިސާބުން މި ސީޒަނަށް ގިނަ ބަޔަކު ދިޔައީ އިންތިޒާރުކުރަމުންނެވެ. އަދި މި އިންތިޒާރީއަށް ނިމުން ގެނެސްދީ އެންމެފަހުން ދެވަނަ ސީޒަން ފަށާނީ މި މަހުގެ 30 ވަނަ ދުވަހުކަމަށް "ހުވާ" ގެ ޑައިރެކްޓަރު ފާތިމަތު ނަހުލާ މިވަނީ ބުނެފައެވެ.
"ހުވާ" ގެ ވާހަކަ މީޑިއާއާ ހިއްސާކުރަމުން ނަހޫ ބުނީ، ބައިސްކޯފުން ހުވާ ގެ ދެވަނަ ސީޒަން މި މަހުގެ 30 ވަނަ ދުވަހު ދައްކަން ފަށާނެކަމަށާއި، އަދި ދެވަނަ ސީޒަންގެ ޓްރެއިލާވެސް ދެ ދުވަހެއްގެ ތެރޭގައި ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް ތައްޔާރީތައް ވަމުން އަންނަކަމަށެވެ.
މީގެ އިތުރުން، ހުވާ ގެ ދެވަނަ ސީޒަންއިން ފެންނާނެ ބަދަލުތައްވެސް ނަހޫ ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މިފަހަރުގެ ސީޒަންއިން އެކްޓަރު ރަވީ ފާރޫޤް ކުޅެފައިވާ ކެރެކްޓަރ (އާޒިމް) އިން ރަވީގެ ބަދަލުގައި ދެން ފެނިގެންދާނީ އަބްދުﷲ މުޢާޒް(މުއާ)އެވެ.
ރަވީ ކުޅޭ ރޯލަށް މުއާ ހަމަޖައްސާފައިވަނީ، ރަވީއަށް ވަގުތު ދެވެން ނެތުމުންކަމަށް ނަހޫ ބުނެފައިވެއެވެ. މި ބަދަލާއެކު، މަރިޔަމް އައްޒަ ކުޅެފައިވާ ކެރެކްޓަރ، މިންހާ އާއެކު ދެން ފެނިގެންދާނީ މުއާ އެވެ. ސީރީޒްގައި މި ދެ ކެރެކްޓަރ އަކީ ދެމަފިރިންނެވެ. އަދި އައްޒަ އާއި މުއާއަކީ އަސްލު ދިރިއުޅުމުގައި ދެ ލޯބިވެރިންނަށް ވުމާއެކު މި ދެ ބައިވެރިންގެ ކެމިސްޓްރީ ހުވާގެ ދެވަނަ ސީޒަން އިން ފެނިގެންދާނެއެވެ.
“ހުވާ” އަކީ އާއިލާގެ ތެރޭގައި ހިނގާ މައްސަލަތަކާއި އަދި އިޖްތިމާޢީ ގިނަ މައްސަލަތަކެއް މައްޗަށް އަލި އަޅުވާލައިގެން ގެނެސްދީފައިވާ އަސަރުގަދަ އަދި ޢިބްރަތްތެރި ސީރީޒްއެކެވެ. ހުވާގެ ފުރަތަމަ ސީޒަން ނިމިފައިވާ ގޮތަށް ބަލާއިރު، ސީރީޒްގެ މެއިން ކޮންމެ ކެރެކްޓަރއަކަށްވެސް ވަނީ އުފާވެރި ނިމުމެއް ލިބިފައެވެ.
“ހުވާ” ގެ ތަރިންގެ ތެރޭގައި ރަވީ ފާރޫގް، މުހައްމަދު ފައިސަލް، މަރިޔަމް އައްޒަ، ޝީލާ ނަޖީބް، އިބްރާހީމް (ޖިމީ) ޖިހާދު، އައިމިނަތު ރިޝްފާ، އަލީ (ދޮންއައްޔަ) އާޒިމް، ޖާދުﷲ (ޖާދު) އިސްމާއީލް އަދި އާރިފާ އިބްރާހީމްވެސް ހިމެނެއެވެ.



