ލަލީގާ - މެސީ ލަނޑުން ބާސެލޯނާ އެނބުރި އެއްވަނަ އަށް

ސްޕެނިޝް ލަލީގާގގައި ރޭ ގްރަނަޑާ ކޮޅަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކޮށްދިން ލަނޑާއެކު އަލުން އަނބުރާއެއްވަނައަށް ބާސެލޯނާ އަރައިފިއެވެ.

ރޭގެ މޮޅާއެކު ވާދަވެރި ރެއަލްމެޑްރިޑް ވައްޓާލުމަށްފަހު ބާސެލޯނާ ތާވަލްގެ އެއްވަނައަށް އަރާފައިވާއިރު، ދެޓީމަށްވެސް 20 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ. ބާސެލޯނާއަށް އެއްވަނަ ލިބެނީ ފައިދާ ދެގޯލްގެ ތަފާތުންނެވެ.

ކޭމްޕްނޯގައި ކުޅެވުނު މިމެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނަޓްގައި ލިއޮނަލް މެސީ ކާމިޔާބުކޮށްދީފައިވަނީ އޭރިއާ ތެރެއިން ވިޑާލްދިން ޕާހަކުންނެވެ. ގްރަނާޑާ ޑިފެންޑަރުން ތެރޭ ހުރެ މިބޯޅަ މެސީ ފޮނުވާލާފައިވަނީ ގޯލްގެ ތިރީކަނަށެވެ.

މިލަނޑަކީ މެސީ ސްޕެނިޝް ލަލީގާގައި ކާމިޔާބުކުރި 433 ވަނަ ލަނޑެވެ. ޔޫރަޕްގެ ގަދަ ފަސްލީގުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކީވެސް މެސީއެވެ. ރޭ ޔުވެންޓަސްއަށް ކާމިޔާބުކޮށްދިން ދެލަނޑާއެކު ވާދަވެރި ރޮނާލްޑޯވަނީ އޭނާ ލީގުގައި ކާމިޔާބުކުރި ލަނޑުގެ އަދަދު 432 އަކަށް އަރުވާފައެވެ.

ގްރަނާޑާގެ ސަންޗޭސް މެސީއަށް ކުރި ފައުލަކާއި ގުޅިގެން ދެއްކި ދެވަނަ ރީނދޫކާޑާއެކު ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައިވަނީ މެޗުގެ 69 ވަނަ މިނަޓްގައެވެ.

65 ހާހަށްވުރެ ގިނަ ސަޕޯޓަރުން ކުރިމަތީ ކުޅުނު މިމެޗު ބާސެލޯނާއިން ކޮންޓްރޯލްކޮށްފައިވާއިރު، ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ބާސެލޯނާއިންވަނީ އުފައްދާފައެވެ.

އާ ކޯޗު ކީކޭ އިރުޝާދުގެ ދަށުން ކުޅުނު މިމެޗުގައި ބާސެލޯނާގެ ފަރާތުން ގިނަ ޕާސްތަކެއްވަނީ ފެނިގެން ގޮސްފައެވެ. ރޭގެ މެޗުގައި ބާސެލޯނާއިން 1005 ޕާސްކޮށްފައިވާއިރު މިއީ ބާސެލޯނާގެ ތާރީޚުގައި ތިންވަނައަށް އެންމެ ގިނަ ޕާސްކުރި މެޗެވެ. ބާސެލޯނާއިން އެއް މެޗެއްގައި އެންމެ ގިނަ ޕާސްކޮށްފައިވަނީ ގާޑިއޯލާ ބާސެލޯނާއަށް އިރުޝާދުދިން ދުވަސްވަރުއެވެ. ގާޑިއޯލާގެ އިރުޝާދުގެ ދަށުން ލެވެންޓޭއާއި ދެކޮޅަށް 2011 ވަނަ އަހަރު ކުޅުނު އެމެޗުގައި ބާސެލޯނާއިން 1046 ޕާސްކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ