އީޕީއެލް - ޔުނައިޓެޑަށްވެސް މިފަހަރު ލިވަޕޫލް ނުހުއްޓުވުނު

މެންޗެސްޓަރ ޔުނައިޓެޑަށްވެސް އިންގްލިޝް ޕްރިމިއާ ލީގުގައި މިސީޒަންގައި ވަރުގަދަ ކުޅުމެއް ދައްކަމުންއަން ލިވަޕޫލް މިފަހަރު ނުހުއްޓުވުނެވެ.

ޔުނައިޓެޑާއި ދެކޮޅަށް ރޭ ކުޅުނު މެޗު ލިވަޕޫލްއިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗަށް ނުކުތްއިރު ލީގުގައި ލިވަޕޫލް އަމިއްލަ ދަނޑުގައި ބަލިނުވެ ވަނީ 1000 ދުވަސް ފުރިހަމަކޮށްފައެވެ. އެންފީލްޑްގައި ކުޅެވުނު މިމެޗު ޔުނައިޓެޑުން ފަށާފައިވަނީ ވަރަށް ފޯމްގައެވެ. އެގޮތުން މެޗުގެ ކުރީކޮޅު ޔުނައިޓެޑުން ލިވަޕޫލް ކޮޅަށް ނުރައްކާތަކެއްވެސް ކޮށްފައިވެއެވެ. އެހެންނަމަވެސް މެޗުގެ އޮއެވަރު ބަދަލުވެގެން ދިޔައީ ލިބުނު ކޯނަރަކުން މެޗުގެ 14 ވަނަ މިނަޓްގައި ވެންޑައިކް ޖަހައިދިން ލަނޑާއެކު ލިވަޕޫލަށް ލީޑު ލިބުމުންނެވެ.

މިލަނޑަށްފަހު ލިވަޕޫލުން މެޗު ކޮންޓްރޯލްކޮށްފައިވާއިރު، ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއްވެސްވަނީ އުފައްދާފައެވެ. އެގޮތުން ފުރަތަމަ ހާފުގައި ލިވަޕޫލުން އިތުރު ދެލަނޑު ޖެހިނަމަވެސް އެދަލަނޑުވެސްވަނީ ކެންސަލްކޮށްފައެވެ. ފިރްމީނޯ ޖެހި ލަނޑު ވީއޭއާރު ބެލުމަށްފަހު ކެންސަލްކުރީ އޭގެ ކުރިން ވެންޑައިކް ޔުނައިޓެޑުގެ ކީޕަރު ޑެހެއާއަށް ފައުލްކޮށްފައިވުމުގެ ސަބަބުންނެވެ. އަދި ވައިނަލްޑަމްގެ ލަނޑު ކެންސަލްކުރީ ބޯޅަ ލިބުނުއިރު، އޮފްސައިޑް ޕޮޒިޝަން އެއްގައި ހުރުމުގެ ސަބަބުންނެވެ.

ފުރަތަމަ ހާފު ނިމިނިމި އޮށްވާ ލިވަޕޫލްގެ ލީޑު ފުޅާކުރަން މާނޭއަށް ރަނުގެ ފުރުޞަތެއް ލިބުނުނަމަވެސް، މާނޭގެ ހަމަލާ ޔުނައިޓެޑްގެ ކީޕަރު ޑެހެއާވަނީ ދިފާޢުކޮށްފައެވެ.

ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފު ފެށިއިރު ވަރުގަދައަށް ޖެއްސީ ލިވަޕޫލުންނެވެ. ފުރަތަމަ ހާފުގައި ލިބިފައިއޮތް ލީޑާއެކު ލިވަޕޫލް ކުޅުންތެރިން ދިޔައީ އިތުބާރާއެކު ޔުނައިޓެޑަށް ޕްރެޝަރު ބޮޑުކުރަމުންނެވެ. އެގޮތުން ހެނަންޑޭޒްގެ ހޫނު ހަމަލާއެއް ޔުނައިޓެޑްގެ ގޯލް ދަނޑިއާ އަމާޒުވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އޭގެކުރިން ސަލާޙް އަތުންވަނީ ލަނޑުޖަހަން ލިބުނު ހުސް ފުރުޞަތެއް ގެއްލިފައެވެ.

ލިވަޕޫލަށް މެޗު ޔަޤީންވެގެން ދިޔައީ މެޗުގެ އިތުރު ވަގުތުގައި މުޙައްމަދު ސަލާޙް ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ދިން ބޯޅައަކުން ސަލާޙް މިލަނޑު ޖަހާފައިވަނީ އެކަނިމާއެކަނި އަރައެވެ. ސަލާޙްވަނީ ލިވަޕޫލް ކުޅުންތެރިއެއްގެ ގޮތުގައި ޕްރިމިއާ ލީގުގައި އޭނާ ބައްދަލުކުރި 24 ޓީމުގެ ތެރެއިން 23 ޓީމު ކޮޅަށް ލަނޑުޖަހާފައެވެ. އޭނާއަށް ލަނޑެއް ކާމިޔާބު ކުރެވިފައިވަނީ ނުވަނީ ހަމައެކަނި ސްވެންސީ ސިޓީއާއި ދެކޮޅަށެވެ.

ރޭގެ މޮޅަކީ މިސީޒަންގައި ލިވަޕޫލް ޕްރިމިއާ ލީގުގައި ކުޅުނު 22 މެޗުން ލިބުނު 21 ވަނަ މޮޅެވެ. ލިވަޕޫލަށް މޮޅުވެވިފައިނުވަނީ ސީޒަންގެ ކުރީ ކޮޅު ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުންނެވެ. މިދިޔަ އަހަަރުގެ އޮކްޓޯބަރ 20 ވަނަ ދުވަހު ކުޅުނު އެމެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.

އަދި މިމޮޅާއެކު ލިވަޕޫލްއިންވަނީ މެޗަކުން ބަލިނުވެ 31 މެޗު ހަމަކޮށްފައެވެ.

ރޭގެ މޮޅާއެކު ލިވަޕޫލްވަނީ 16 ޕޮއިންޓްގެ ލީޑަކަށް ޖެހިލާފައެވެ. 64 ޕޮއިންޓާއެކު ލިވަޕޫލް ތާވަލްގެ އެއްވަނާގައި އޮތްއިރު، ދެވަނާގައި އޮތް ސިޓީއަށް ލިބިފައިވަނީ 48 ޕޮއިންޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ