ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ފައިނަލް ލިސްޓު މިއަދު އާންމު ކޮށްފިއެވެ.
އެމްޑީޕީން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ 31 ޖަނަވަރީ ވާ (ހުކުރު) ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގެ ފައިނަލް ވޯޓާރސް ލިސްޓް އާއްމު ކޮށްފައިވާކަމަށެވެ.
ވޯޓާރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 2 ދުވަހުގެ ފުރަސަތެއް އެމްޑީޕީން ވަނީ ދީފައެވެ. ޝަކުވާ ހުށަހަޅާ ފޯމް ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެމްޑީޕީން ބުނެއެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 22 ޖަނަވަރީ 2020 ވާ ބުދަ ދުވަހުގެ މެންދުރު 2:00 އާއި ހަމަޔަށް ކަމަށްވެސް އެމްޑީޕީން ކުރި އިއުލާނުގައި ބުނެފައި ވެއެވެ. ޝަކުވާ ފޯމް ފުރުއްޗުމަށްފަހު އެމްޑީޕީގެ ސެކްރެޓޭރިއަޓަށް ނުވަތަ ސެކްރެޓޭރިއަޓުން ކަނޑައަޅާފައިވާ އީމެއިލް އަށް މެއިލް ކުރެއްވުމުންވެސް ޝަކުވާ ބަލައިގަންނާނެ ކަމަށް އެމްޑީޕީން ބުނެއެވެ.




