ފާއިތުވި 2019 ވަނަ އަހަރު ދަޢުލަތުން 50 މީހަކަށް ވަކީލުން އައްޔަން ކޮށްދެއްވާފައިވާކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
އޭޖީ އޮފީހުން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު، 2019 ވަނަ އަހަރު ދަޢުލަތުން ޤާނޫނީ ވަކީލަކު ހަމަޖައްސަވައިދެއްވުމަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހަށް 105 ފޯމެއް ވަނީ ހުށައަޅާފައެވެ. އޭގެ ތެރެއިން 50 ފަރާތަކަށް ދައުލަތުން ވަކީލުން އައްޔަން ކޮށްދީފައިވާއިރު، 39 ފޯމަށް ހުށައަޅަންޖެހޭ މަޢުލޫމާތުތައް ފުރިހަމަ ނުވާތީ، ވަނީ ގޮތެއް ނުނިންމައެވެ. އަދި 13 ފަރާތުން ދަޢުލަތުން ވަކީލުން އައްޔަށް ކޮށްދިނުމުގައި ބަލާ މިންގަނޑުން ފާސްވެފައިނުވާތީ ވަކީލުން އައްޔަން ކޮށްދެވެން ނެތްކަމަށް ނިންމާފައިވާއިރު، 03 ފަރާތަކަށް ދަޢުލަތުން ވަކީލުން ހަމަޖެއްސުމަށް އިތުރަށް ބޭނުން ނުވާކަމަށް އޭޖީ އޮފީހަށް އަންގާފައިވާކަމަށް އެ އޮފީހުން ވަނީ ހާމަކޮށްފައެވެ.
2018 ވަނަ އަހަރާއި އަޅާބަލާއިރު 2019 ވަނަ އަހަރު ދަޢުލަތުން ޤާނޫނީ ވަކީލުން އައްޔަން ކުރެއްވުމަށް އެދި ހުށައަލާފައިވާ އެޕްލިކޭޝަން ފޯމުގެ އަދަދުވަނީ %84.21 އިތުރުވެފައެވެ. އަދި މި ތާރީޚްގައި ދަޢުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދީފައިވާ އަދަދު ވެސްވަނީ %117.39 އިތުރުވެފައެވެ.
ބަންޑާރަނައިބުގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި 2018 ވަނަ އަހަރު ދަޢުލަތުން ޤާނޫނީ ވަކީލުން ހަމަޖައްސައިދިނުމަށް އެދި 57 ފޯމެއް ވަނީ ހުށައަޅާފައެވެ. އޭގެ ތެރެއިން 23 ފަރާތަކަށް ދައުލަތުން ވަކީލުން އައްޔަން ކޮށްދީފައިވާއިރު، 21 ފޯމަށް ހުށައަޅަންޖެހޭ މަޢުލޫމާތުތައް ފުރިހަމަ ނުވާތީ، ގޮތެއް ނިންމާފައެއް ނުވެއެވެ. އަދި 08 ފަރާތުން ދަޢުލަތުން ވަކީލުން އައްޔަށް ކޮށްދިނުމުގައި ބަލާ މިންގަނޑުން ފާސްވެފައިނުވާތީ ވަކީލުން އައްޔަން ކޮށްދެވެން ނެތްކަމަށް ނިންމާފައިވާއިރު، 05 ފަރާތަކަށް ދަޢުލަތުން ވަކީލުން ހަމަޖެއްސުމަށް އިތުރަށް ބޭނުން ނުވާކަމަށް އެ އޮފީހަށް އަންގާފައިވާކަމުގައި އޭޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.
2018 ވަނަ އަހަރު ދަޢުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި 13 ބިދޭސީއެއް ހުށައަޅާފައިވާއިރު، 2019 ވަނަ އަހަރު 32 ބިދޭސީއަކު ދަޢުލަތުގެ ފަރާތުން ޤަނޫނީ ވަކީލުން ޢައްޔަން ކޮށްދެއްވުމަށް އެދި ހުށައަޅާފައިވެއެވެ.
ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރެއިން މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށް ދިނުމަކީ ބަންޑާރަނައިބުގެ އޮފީހުގެ ޒިންމާއެކެވެ.




