އީޕީއެލް - 10 މީހުންނާއެކު ކުޅުނު އާސެނަލްއިން ޗެލްސީ ހިފަހައްޓައިފި

އިގްލިޝް ޕްރިމިއާ ލީގުގައި ރޭ 10 މީހުންނާއެކު ކުޅުނު އާސެނަލްއިން ޗެލްސީ ހިފަހައްޓައިފިއެވެ.

ސްޓެމްފޯޑު ބްރިޖްގައި ރޭ ކުޅުނު މިމެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.

މެޗު ފެއްޓުނުތަނީ ބައިގަޑިއެއްހާއިރު ނުވަނީސް އާސެނަލްއަށް ނުތަނަވަސްކަން ކުރިމަތިވީ ޗެލްސީގެ ފޯވާޑު ޓެމީ އަބްރަހަމްއަށް ކުރި ފައުލަކާއި ގުޅިގެން ޑިފެންޑަރު ޑޭވިޑް ލުއިޒްއަށް ދެއްކި ރަތްކާޑުގެ ސަބަބުންނެވެ. އަބްރަހަމްއަށް ލުއިޒް ފައުލްކޮށްފައިވަނީ އާސެނަލްގެ ކީޕަރު ލެނޯ ކަޓުވާލުމަށްފަހު ބޯޅަ ގޯލްގެ ތެރެއަށް ޖަހަނިކޮށެވެ. އޭރިއާތެރެއިން ކުރި މިފައުލާއި ގުޅިގެން ލިބުނު މިޕެނަލްޓީއިން ޗެލްސީ ލީޑު ނަގައި އާސެނަލްއަށް ޕްރެޝަރު ބޮޑުކުރިއެވެ. މިޕެނަލްޓީ ކާމިޔާބުކޮށްދިނީ ޖޯޖީނިއޯއެވެ.

މިލަނޑާއެކު ޗެލްސީއިން ލީޑުއޮވެ ފުރަތަމަ ހާފު ނިންމާލިނަމަވެސް، ދެވަނަ ހާފު ގެބްރިއެލް މާޓިނެލީ ޖަހައިދިން ލަނޑާއެކު އާސެނަލްއިން އަލުން ގޭމްތެރެއަށް ގެނެސްދިނެވެ.

ޗެލްސީއިން ދެވަނަ ފަހަރަށް ލީޑު ނެގީ އަޒްޕިލިކުއެޓާ 84 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. މިލަނޑަށްފަހު ޖެލްސީއަށް ހަމަނުޖެހިލެވި އުޅެނިކޮށް އާސެނަލްގެ ހެކްޓަރ ބެލެރިންވަނީ އާސެނަލްއަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިލަނޑަކީ އޭރިއާގެ ރޮނގު މަތިން ޗެލްސީ ޑިފެންޑަރުގެ ތެރެއިން ތިރިތިރިން ގޯލްގެ ދުރަކަނަށް ފޮނުވާލި ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގައި އާސެނަލްގެ ފަރާތުން ޑިފެންސިވް ގޭމް ފެނިގެން ގޮސްފައިވާއިރު، އާސެނަލްއަށް އުފެއްދުނީ އެންމެ ދެހަމަލާއެވެ. އެދެހަމަލާގައި އާސެނަލްއިން ވަނީ ލަނޑުޖަހާފައެވެ. އާސެނަލްއިން އެކަކު މަދުކޮށް މެޗުގެ ބޮޑުބައިކުޅެފައިވާއިރު، ޗެލްސީއިންވަނީ އެކަމުގެ ފައިދާ ނަގާ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް އިތުރު ހަމަލާއެއް ގޯލްގެ ތެރެއަށް ނިންމާނުލެވި މެޗު ނިމިގެން ދިޔައީ ދެޓީމު އެއްވަރު ވެގެންނެވެ.

މިނަތީޖާއާއެކު ޗެލްސީއިންވަނީ 40 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނާގައި ހިފަހައްޓާލާފައެވެ. 30 ޕޮއިންޓާއެކު އާސެނަލް އޮތީ 10 ވަނާގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ