ގޮޅި ޖެހި ގަމީސް ލައިގެން ޖީއެން އެއް ދުއްވީމަ ހަމަ އެހާ ސެކްސީ ތަ؟

"ހަސަން ތަކުރު" މުންޑު ގަނޑު އަނދެގެން ހުސްގަޔާ "އައިމިނާބީ" ގޮވައިގެން އަތިރިއަށް މާފޮޅުވަން ދިޔަ ޒަމާން ފާއިތުވެ ހިނގައްޖެއްއެވެ. އަދި ފައިކުރި ފުޅާ ފަޓުލޫނާއި މާ ޖެހި ގާމީސް ލައިގެން ލޯބިވެރިޔާ ގޮވައިގެން ބެޓެރި ސައިކަލު ދުއްވި ޒަމާންވެސް މި ވަނީ ފާއިތުވެ ގޮސްފައެވެ. އަދި މި ޒަމާނުގައި ކޮންމެ ކޮންމެ އެއްޗެއް ލައިގެން އާދައިގެ ސައިކަލެއްގައި އަންހެކުއްޖަކު ގޮވައިގެން ދުއްވާލަން ދިއުމަކީވެސް އަންހެންކުއްޖާ މާކަ ރުހޭނެ ކަމެއް ނޫނެވެ.

ކޮންމެއަކަސް ޒަމާނީ ފެޝަންތައް ބަދަލުވަމުން އައިސް ދިވެހި ޒުވާން ފިރިހެންކުދިންގެ މެދުގައި މަޤުބޫލުކަމެއް ހޯދަމުން އަންނަ ޖީއެން ސައިކަލަކީ، މިހާރު ކޮންމެ ފިރިހެންކުއްޖަކުވެސް ބިޓެއް ސެޓު ކުރުމަށް އެންމެ ފުރަތަމަ ޖަހާ ދަންތުރައެވެ. ޖީއެން އެއް ނުދުއްވަންޏާ ދެން އެ ބިޓެއް ސެޓު ނުވީއެވެ. މަގުމަތިން ދުއްވާފަ ދާއިރު ޖީއެން އެއްގައި ނުދަނީކަމުގައިވާނަމަ އަންހެން ކުއްޖަކު ހަމަ އިސްއުފުލާ ބަލާވެސް ނުލަނީއެވެ.

އަދި މިވަރަކުން ނިމުނީކީ ނޫނެވެ. ޖީއެން އެއް ދުއްވަނީ ކަމުގައިވާނަމަ ގޮޅި ޖެހި ގަމީސް ކޮންމެހެންވެސް ލާން މަޖުބޫރެވެ. ޖީއެންގައި ގޮޅި ޖެހި ގަމީހެއް ލައިގެން މާލެ ވަށާ ބުރެއްޖަހާލާއިރު އަނގަ އަތަށް ލައިގެން ބަލަން ތިބޭ އަންހެންކުދިން ހަމަ ގިނައީ ޔޯލައެވެ. ގޮޅި ބޮޑަސް ގޮޅި ކުޑައަސް މައްސަލައެއް ނެތެވެ. ގޮޅި ޖެހި ގަމީސް ލައިގެން ޖީއެންގައި ބިޓު ގޮވައިގެން ދުއްވާލަން ދިއުމުން ދެން އެ ނިމުނީއެވެ.

އަތުގައި ވޭވް ސައިކަލެއް ހުރުމުން، ޖީއެން ގެންގުޅޭ ރައްޓެއްސެއްގެ އަތުން ސައިކަލު ނަގައިގެން، ބިޓު ގޮވައިގެން ދުއްވާލަން ދާން ފިރިހެންކުދިންވެސް މަދެއްނޫނެވެ. އަތުގައި ޖީއެން ސައިކަލެއް ނެތިގެން ބިޓެއް ސެޓުނުވެ ނުވަތަ ބިޓެއް ސެޓު ކުރަން ބޭނުންނުވެފައި ތިބި ފިރިހެންކުދިންވެސް އެބަތިއްބެވެ. އަދި ހަމަ މި ސަބަބަށްޓަކައި "ތެޔޮ ނާށި ކާޅު ޖަހައިގަތުމުގެ” ހިތި ތަޖުރިބާއާއި ކުރިމަލައިފައިވާ ފިރިހެންކުދިންވެސް ތިބެދާނެއެވެ.

ކޮންމެއަކަސް މިއީ މިހާރު ގިނަ ޒުވާން ފިރިހެންކުދިން ދެކޭ ގޮތެވެ. އަދި އަންހެން ކުދިންނަށް ވެސް ހަމަ މިގޮތް ސަޅީ ކަމުގައި ވެދާނެއެވެ. މިއީ ތެދެއް ކަމުގައި ވަނީނަމަ، އަންހެންކުއްޖަކު ރުއްސަން ލޯބީގެ ރަތް ފިނިފެންމާ ދިނުމުގެ ބަދަލުގައި ގޮޅި ޖެހި ގަމީހެއްލައިގެން ޖީއެން އެއްގައި ސިނަމާލެ ބުރިޖު މަތިން ދުއްވާލަން ގެންދާށެވެ. ނަމަވެސް ހެލްމެޓް އަޅަން ހަނދާން ބަހައްޓަށްޗެވެ. އޭރުން އަދި މާ "ސެކްސީ" ވާނެކަމަށް އަންހެންކުދިން ބުނެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ