ކުރީގެ ރައީސް ޔާމީން - ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޭބަދަށް ބަދަލުކޮށްފިއެވެ.

ޔާމީން ވަނީ އެ ނިންމުމާއެކު ކުޑަ ވަގޮތުކޮޅެއް ކުރިން ގެއަށް ވަޑައިގެންފައެވެ.

މިރޭ ކަރެކްޝަނަލް ސާވިސްއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޔާމީންގެ ބަލި ހާލަތު ހުރިގޮތުން ޝަރުތުތަކެއް ކަނޑައެޅުމަށް ފަހު ވަގުތީގޮތުން ޔާމީން ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ކަރެކްޝަންސްގެ ބަޔާނުގައި ވިދާޅުވީ ޔާމީން ގޭބަންދަށް ބަދަލު ކުރެވުނީ ގޭބަންދުގައި ހުންނައިރު އަމަލުކުރަންޖެހޭ ޝަރުތުތަކެއް ކަނޑައެޅުމަށް ފަހު ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ވެސް އެ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެވަޑައިގަތުމުން ކަމަށެވެ.

ނަމަވެސް ޝަރުތުތަކުގެ ތަފްސީލެއް ކަރެކްޝަނަލް ސާވިސް އިން ދީފައެއް ނުވެއެވެ.

ޔާމީން ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ ޝަރީޢަތް ނިމެންދެނެވެ. ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލީ ފެބްރުއަރީ 13 ވަނަ ދުވަހު އެވެ. ޝަރީޢަތް ނިމެންދެން ޔާމީން ހައްޔަރުކޮށްފައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރީ ފެބްރުއަރީ 18 ގައެވެ.

ޔާމީންގެ މައްޗަށް ދައުވާ މިއަދު އެއްމަސް ދުވަސް ފުރުނު ނަމަވެސް އެމައްސަލައިގެ ޝަރީޢަތް ކުރިމިނަލް ކޯޓުގައި ފަށާނެ ދުވަހެއް އަދި ނޭނގެއެވެ.

މަނީ ލޯންޑްރިން ކުރުމުގެ ތުހުމަތު ޔާމީންގެ މައްޗަށް ފުލުހުން ކޮށްފައި ވަނީ އެމްއެމްއެޕީއާރްސީގެ ފައިސާ އެންމެ ގިނައިން ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއްމިލިއަން ޑޮލަރު އޭސީސީ އާއި ހަވާލު ނުކުރިކަމަށް ބުނެއެވެ. އެސްއޯއެފް އިން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ ބަދަލުގައި ޔާމީން އޭސީސީ އާއި އެކު ހުޅުވި އެކައުންޓަށް ޖަމާކޮށްފައި ވަނީ ކުރީގެ ޓްއަރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އަތުން ނެންގެވި ފައިސާއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލާގެ ތަހުގީގަށް ފުލުހުން ހޯދި މައުލޫމާތުތަކާއި، ހެއްކާއި ގަރީނާ އިން ފާހަގަކުރެވުނުގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނަތްތެރިވި ފަރާތްތަކުން އެ ފައިސާތަކުގެ ތެރެއިން އެއް މިލިއަން ޑޮލަރު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ޔާމީންގެ އެކައުންޓަށް ޖަމާ ކުރި ފައިސާ އިން އެމަނިކުފާނު ވަނީ މާލީ މަންފާތަކެއް ލިބޭ މުއާމަލާތްތަކެއް ހިންގަވާފައެވެ.

ޔާމީން ވެސް ވަނީ އެސްއޯއެފް އިން ޖަމާކުރި ފައިސާ އިން މާލީ މުއާމަލާތްތައް ހިންގެވި ކަމަށް އެއްބަސްވެވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ އެސްއޯއެފްގެ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރިއިރު އެއީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅުން ހުރި ކުންފުންޏެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޔާމީންގެ އެކައުންޓަށް އެއް މިލިއަން އެމެރިކާ ޑޮލަރު އެސްއޯއެފް އިން ޖަމާކުރި މައްސަލައިގައި އެމަނިކުފާނު ފުލުހަށް ފުރަތަމަ ހާޒިރު ކުރީ މިދިޔަ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހު އެވެ. މައްސަލައިގައި ޔާމީންގެ ބަޔާންތައް ނިންމާ ބަޔާންތަކުގައި ސޮއި ކުރުވާފައި ވަނީ މިދިޔަ ޖަނަވަރީ މަހުގެ 08 ވަނަ ދުވަހު އެވެ.

އެނގިފައިވާ ގޮތުގައި ޔާމީން ގޭބަންދަށް ބަދަލު ކުރީ އެމަނިކުފާނުގެ ސިއްހީ ހާލަތު ހުރިގޮތުން ގޭބަންދަށް ބަދަލު ކުރުމަށް ޑޮކްޓަރު ލަފާދެއްވުމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ