މިދިޔައަހަރުގެ ފައިނަލްގައި ކުޅުނު ލިވަޕޫލް ރޭ 1-3 ގެ ނަތީޖާއަކުން ބަޔާން ބަލިކޮށް ކުއާޓާއަށް ދަތުރުކޮށްފިއެވެ.
މިސީޒަންގައި ބައިވެރި އިނގިރޭސި ހުރިހާ ޓީމެއްވެސް މިވަނީ ކުއާޓާއަށް ދަތުރުކޮށްފައެވެ. ޔުނައިޓެޑް، ސިޓީ، ޓޮޓޭންހާމް އަދި ލިވަޕޫލްވެސް ކުއާޓާގައި އޮތްއިރު އެއް ސީޒަނެއްގައި އިނގިރޭސި ހުރިހާ ޓީމަކަށް ކުއާޓާއަށް ދަތުރުކުރެވިފައިވަނީ މީގެ 10 އަހަރު ކުރިން 09-2008 ސީޒަންގައެވެ.
މިހަތަރު ޓީމުގެ އިތުރުން ދެން ކުއާޓާއަށް ދަތުރުކޮށްފައިވަނީ ޖުވެންޓަސް، ބާސާ، ޕޯޓޯ އަދި އަޔެކްސްއެވެ.
3-1 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވި މެޗު ރޭ ބަޔާން ދަނޑުގައި ކުޅެވުނު އިރު މިމެޗުގެ ފުރަތަމަ ލެގު ލިވަޕޫލް ދަނޑުގައި އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.
ވިސްނުންތެރިކަމާއެކު ދެޓީމުވެސް ކުޅެމުންއައި ރޭގެ މެޗުގައި ލިވަޕޫލްއިން ފުރަތަމަ ލަނޑުޖެހީ މެޗުގެ 26 ވަނަ މިނަޓްގައެވެ. މިލަނޑު މާނޭ ޖަހައިދިނީ ފަހަތުން ޑިފެންޑަރު ވެންޑައިކް ލައިދިން ބޮޑު ބޯޅައަކުންނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއްޖަހައި ބަޔާންއިން ނަތީޖާ ހަމަހަމަ ކުރިއެވެ. މިލަނޑަކީ ގްނަބްރީގެ ހުރަހެއް މަޓިޗް ދިފާޢުކުރަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ޖެހުނު ލަނޑެކެވެ.
ދެވަނަ ހާފު ކުޅެން ނިކުމެ މެޗުގެ 69 ވަނަ މިނަޓްގައި ވެންޑައިކް ލަނޑެއްޖަހައި ލިވަޕޫލްއިން އަނެއްކާވެސް ނަތީޖާ އަނބުރާލިއެވެ. މިލަނޑަކީ ލިބުނު ކޯނަރަކުން ބޮލުންޖެހި ލަނޑެކެވެ.
2013 ވަނަ އަހަރުގެ ޗެމްޕިއަން ކަޓުވާލައި ކުއާޓާ ލިވަޕޫލަށް ޔަޤީންވެގެންދިޔައީ މެޗުގެ 84 ވަނަ މިނަޓްގައި ޖަހައިދިން ލަނޑާއެކުގައެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ލިވަޕޫލްއިން ކުޅުނު އިރު، އެޓީމުން އެންމެފަހުން ޗެމްޕިއަންސް ލީގު އުފުލާލީ އިސްތާންބޫލްގައި ކުޅުނު ތާރީހީ ފައިނަލްގައި 2005 ވަނަ އަހަރުގައެވެ.