ރޯމާ ކޮޅަށް ޖެހި ލަނޑާއެކު ތަފާތު 15 މުބާރާތެއްގައި ލަނޑު ޖެހުމުގެ ޝަރަފު ރޮނާލްޑޯއަށް

ކޮޕަ އިޓާލިއާގެ ކުއާޓާރ ފައިނަލްގައި ރޭ ރޯމާކޮޅަށް ޖެހި ލަނޑާއެކު ކްލަބު ލެވެލްގައި ކުޅުނު ތަފާތު 15 މުބާރާތެއްގައި ލަނޑުޖެހުމުގެ ޝަރަފު ރޮނާލްޑޯއަށް ލިބިއްޖެއެވެ.

އެލިއެންސް ސްޓޭޑިއަމްގައި ކުޅެވުނު މިމެޗު ޔުވެންޓަސްއިން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މިމެޗުން މޮޅުވެ ޔުވެންޓަސްވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

ވަރުގަދަ ފޯމާއެކު ޔުވެންޓަސްއން މެޗު ފައްޓާފައިވާއިރު މެޗުގެ ފުރަތަމަ ލަނޑުވެސް ފެނިގެންދިޔައީ ޔުވެންޓަސްގެ ފަރާތުންނެވެ. 26 ވަނަ މިނަޓްގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން މިލަނޑަކީ ބޯޅައާއެކު އޭރިއާތެރެއަށްވަދު އަރިމަތިން ގޯލްގެ ދުރުކަނަށް ތިރިތިރިން ފޮނުވާލި ބޯޅައަކުން ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ ކޮޕާ އިޓާލިއާގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. 2020 ވަނަ އަހަރު މިހާތަނަށް ކުޅުނު 4 މެޗުން 7 ލަނޑު ރޮނާލްޑޯ ކާމިޔާބުކޮށްދީފައިވެއެވެ. ރޮނާލްޑޯވަނީ އެންމެފަހުން ކުޅުނު 31 މެޗުން 30 ލަނޑު ކާމިޔާބުކޮށްފައެވެ. ޔުވެންޓަސްއަށް އެންމެ ފަހުން ކުޅުނު 10 މެޗުން 13 ލަނޑު ރޮނާލްޑޯ ކާމިޔާބުކޮށްދީފައިވެއެވެ.

މާގިނައިރުތަކެއް ނުވެ އަނެއްކާވެސް ޔުވެންޓަސްއިން އިތުރު ލަނޑެއް ޖެހިއެވެ. މެޗުގެ 38 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ކާމިޔާބުކޮސްދިނީ ރޮޑްރީގޯ ބެންޓަންކާއެވެ. ޔުވެންޓަސްގެ ތިން ވަނަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފެނިގެން ދިޔައިރު ބޮނޫޗީ މިލަނޑު ކާމިޔާބުކޮށްދިނީ ޑަގްލަސް ކޯސްޓާގެ ހުރަހަކުން ބޮލުން ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޔުވެންޓަސްއިން ތިން ލަނޑުގެ ލީޑަކާއެކު މެޗުގެ ދެވަނަ ހާފު ފެއްޓިނަމަވެސް، ހިތްވަރާއެކު ކުޅެމުންދިޔަ ރޯމާއިން ދިޔައީ ސުން ކަނޑުވޭތޯ ވަރަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މެޗުގެ 50 ވަނަ މިނަޓްގައި ޔުވެންޓަސްގެ ކީޕަރު ބުފޮން އަތުން ބައިކޮޅަށް ވަތް ލަނޑާއެކު ރޯމާއަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ. ރޯމާގެ ޖެންގިސް އުންދާރު އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލްގެ މަތީ ދަނޑީގައި ޖެހުމަށްފަހު ޔުވެންޓަސްގެ ގޯލްތެރެއަށްވަނީ ކީޕަރު ބޮފުން ގައިގައި ޖެހި ބައުންސް ވެގެންނެވެ.

ސެމީ ފައިނަލްގައި ޔުވެންޓަސް ބައްދަލުކުރަން ޖެހޭނީ އޭސީ މިލާން އަދި ޓޮރީނޯ ބައްދަލުކުރާ ކުއާޓާރ ފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ