ކޮޕަ ޑެލް ރޭގައި ރޭ އިބީޒާއާއި ދެކޮޅަށް ކުޅުނު މެޗުގައި އެންޓޮއިން ގްރިޒްމަން ފަހު ވަގުތު ކާމިޔާބުކޮށްދިން ލަނޑާއެކު ބާސެލޯނާ ސަލާމަތް ވެއްޖެއެވެ.
އިބީޒާގައި ކުޅުނު މިމެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ބާސެލޯނާގެ ފަރާތުން މާއެދެވޭ ކުޅުމެއް ފެނިފައި ނުވާއިރު، މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީވެސް އިބީޒާއިންނެވެ. 9 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ކާމިޔާބުކޮށްދިނީ އިބީޒާގެ ޖޯސެފް ކަބައްލޭ މާޓިންއެވެ.
އިތުރު ލަނޑެއް ނުފެނި މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ އިބީޒާ ކުރީގައި އޮވެގެންނެވެ. އެއާއެކު ބާސެލޯނާއިން ލަނޑު ޖެހުމަށް ކުރަމުން އައި މަސައްކަތް ދެވަނަ ހާފުގައި އިތުރު ކުރިއެވެ. ނަތީޖާ އެއްގެ ގޮތުން މެޗުގެ 72 ވަނަ މިނަޓްގައި ގްރިޒްމަން ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަވެގެން ދިޔައެވެ.
އަދި ފަހު ވަގުތު ގްރިޒްމަން ބާސެލޯނާއަށް މެޗު ޔަޤީންކޮށްދިނީ ބޯޅަ ހިފައިގެން އެކަނިމާއެކަނި އޭރިއާ ތެރެއަށްވަދެ، ތިރިތިރިން ގޯލްގެ ދުރުކަނަށް ބޯޅަ ފޮނުވާލައި ކާމިޔާބުކޮށްދިން ލަނޑުނެވެ.
ބާސެލޯނާ ރޭގެ މެޗަށް ނުކުމެފައިވަނީ އިތުބާރު ފޯވާޑު ލިއޮނަލް މެސީގެ އިތުރުން ޕީކޭއާއި ބުސްކެޓްވެސް ޓީމުގައި ނުހިމަނައެވެ.

ކޮޕަ ޑެލް ރޭ ގައި ރޭ ރެއަލްމެޑްރިޑު ކުޅުނު މެޗުން ފަސޭހަކަމާއެކު މޮޅުވެފައިވާއިރު، އުނިއަނިސްޓަސްއާއި ދެކޮޅަށް ކުޅުނު މިމެޗު ރެއަލްމެޑްރިޑުން ކާމިޔާބުކުރީ 1-3 ގެ ނަތީޖާ އަކުންނެވެ.
ރެއަލްމެޑްރިޑްގެ ލަނޑުތައް ގެރެތު ބޭލްއާއި ބަރަހިމް ޑިއާޒް ކާމިޔާބުކޮށްފައިވާއިރު، އަނެއް ލަނޑަކީ އުނިއަނިސްޓަސްގެ ޔުއާން ފްރެންސިސްކޯ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އުނިއަނިސްޓަސްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ ރޮމޭރޯ މޮރިއްލޯއެވެ.



