ގަނާކުރުމާ ގުޅޭގޮތުން ހއ. އަތޮޅު މަދަރުސާގެ ދަރިވަރުނަށް މައުލޫމާތު ދީފި

ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ގަނާކުރުމުގެ މައްސަލަތަކާ ގުޅޭގޮތުން މަޢުލޫމާތުދީ ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ހއ. ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި ހއ. އަތޮޅު މަދަރުސާ ގުޅިގެން ކުރިއަށް ގެންދިޔަ މިސެޝަންގައި މައުލޫމާތު ދީފައިވަނީ އެމަދަރުސާގެ ގްރޭޑް ހަތަރެއްގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށެވެ.

"މި ސެޝަންގައި ގަނާ ކުރުމުން ރައްކާތެރިވާނެ ގޮތްތަކާއި،  އެހެން ކުދިން އެކަމުން ރައްކާތެރިކުރުމަށް މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވާނެ. އަދި ގަނާކުރުމުގެ ސަބަބުން ނުކުންނަ ނުރަނގަޅު ނަތީޖާއާއި ގަނާގެ ޝިކާރައަށްވާ ކުއްޖާއަށް އެކަމުގެ ސަބަބުން ކުރިމަތިވާނެ ގެއްލުންތަކާއި އަދި ގަނާކުރުން ހުއްޓުވުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވާނެ." ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން ދަރިވަރުން އިތުރަށް ޝައުޤުވެރިކުރުވައި، ބައިވެރިކުރުވުމުގެ ގޮތުން ގުރޫޕްތަކަކަށް ބަހާލައި، ގަނާކުރުމާއި ގުޅޭގޮތުން އެގުރޫޕްތަކުގެ މެދުގައި މަޝްވަރާކޮށް ދަރިވަރުންގެ ޚިޔާލުތައް ހުށަހަޅައިދީފައިވެއެވެ. އެގޮތުން ގަނާ އަދި  ފުރައްސާރަކޮށް ޖެއްސުންކުރާނަމަ ޢަމަލުކުރާނެގޮތާއި، ގަނާ ރައްދުވާ ކުއްޖާއަށް ކުރެވޭނެ އިޙްސާސްތަކާއި، ގަނާކުރުން ހުއްޓުވުމަށް ދަރިވަރުންނަށް ކުރެވޭނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ހުށަހެޅުންތައް ހުށަހަޅާފައިވެއެވެ.

މިސެޝަންގައި ހއ. އަތޮޅު މަދަރުސާގެ ގްރޭޑް ހަތަރެއްގައި ތައުލީމު ހާސިލްކުރަމުންދާ 36 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ