ރަޝްފޯޑުގެ ބަދަލަށް ޓެވޭޒް ޔުނައިޓެޑަށް ގެންނަނީ!

މެންޗެސްޓާރ ޔުނައިޓެޑަށް ކުޅެމުން އަންނަ މާކަސް ރަޝްފޯޑަށް އަނިޔާވެ ކުޅުމާއި ދުރުގައި މަޑުކުރަން ޖެހިފައިވާއިރު، އޭނާގެ ބަދަލުގައި އާޖެންޓީނާގެ އުމުރުން 35 އަހަރުގެ ކާލޮސް ޓެވޭޒް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ރިޕޯރޓްތައް ބުނެފިއެވެ.

ރިޕޯރޓްތައް ބުނާގޮތުން މިސީޒަންގައި ބާކީ އޮތްބަޔަށް ޓެވޭޒް ގެންނަށް ޔުނައިޓެޑުން މަސައްކަތް ކުރަނީ ލޯނު އުޞޫލުންނެވެ.

މީގެކުރިންވެސް ޔުނައިޓެޑަށް ކުޅެދީފައިވާ ޓެވޭޒް 2007 ން 2009 ޔުނައިޓެޑްގައި ހޭދަކޮށްފައިވާއިރު، އޭނާވަނީ ޔުނައިޓެޑާއެކު 2 ޕްރިމިއާ ލީގު އަދި 1 ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި ޔުނައިޓެޑްގައި ހޭދަކުރި ދެސީޒަންގައި ޓެވޭޒްވަނީ އެޓީމަށް 34 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ލޯނު އުޞޫލުން ޔުނައިޓެޑަށް ކުޅެމުން އައި ޓެވޭޒް 2009 ވަނަ އަހަރު ގުޅުނީ ވާދަވެރި މެންޗެސްޓާރ ސިޓީއާއެވެ. އަދި ސިޓީގައި ހަތަރު ސީޒަން އޭނާވަނީ ހޭދަކޮށްފައެވެ.

މިހާރު އާޖެންޓީނާގެ އެތުލެޓިކޯ ބޯކާ ޖޫނިއާސްއަށް ކުޅެމުން އަންނަ ޓެވޭޒް މިސީޒަންގައި އެކްލަބަށް ކުޅުނު 10 މެޗުން 3 ލަނޑު ކާމިޔާބުކޮށްފައިވެއެވެ. އަދި އެކްލަބާއެކު އޭނާ ހަދާފައިވާ އެއްބަސްވުން މިއަހަރުގެ ޖޫން މަހު ހަމަވާނެއެވެ.

ޔުނައިޓެޑްގެ ކުރިއަށް ކުޅެމުން އަންނަ މާކަސް ރަޝްފޯޑަށް އަނިޔާވެފައިވާއިރު، އެނބުރި ކުޅުމަށް އަންނަން މަދުވެގެން ހަވަރަކަށް ހަފްތާ ނަގާނެކަމަށް ބުނެއެވެ. އެހެންކަމުން މިސީޒަންގެ ބާކީ އޮތްބައިގައި މިތަން ފޫބައްދަން ޔުނައިޓެޑަށް މިވަނީ މަޖުބޫރުވެފައެވެ.

ރަޝްފޯޑަށް އަނިޔާވެފައިވަނީ އެފްއޭ ކަޕް ތިންވަނަ ބުރުގައި ވޯލްވްސްއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ