އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ވޯލްވްސް އާއި ދެކޮޅަށް ކުޅުނު މެޗުގައި ފިރްމީނޯ ފަހުކޮޅު ޖެހި ލަނޑާއެކު ލިވަޕޫލްއިން ވޯލްވްސް ބަލިކޮށްފިއެވެ.
ރޭގެ މޮޅާއެކު ލިވަޕޫލްއިން 16 ޕޮއިންޓްގެ ލީޑަކަށް ޖެހިލައިފައިވާއިރު، ތާވަލްގެ އެއްވަނާގައި 67 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު ދެވަނާގައި އޮތް ސިޓީއަށް ލިިބިފައިވަނީ 51 ޕޮއިންޓެވެ.
ވޯލްވްސް ދަނޑުގައި ކުޅެވުނު މިމެޗު ލިވަޕޫލްއިން ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށާ މާގިނައިރެއް ނުވަނީ ލިވަޕޫލްއިން ފުރަތަމަ ލަނޑު ޖަހައި ލީޑުނެގިއެވެ. 8 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ޖޯޑަން ހެންޑަސަންއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ލިވަޕޫލް ލީޑުގައި އޮވެއެވެ.
ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ވޯލްވްސް ނަތީޖާ ހަމަހަމަކުރީ 51 ވަނަ މިނަޓްގައި ރައުލް ޖިމެނޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ ވޯލްވްސްއަށް މިސީޒަންގައި ޖިމިނޭޒް ކާމިޔާބުކޮށްދިން 20 ވަނަ ލަނޑެވެ. އަދި ފާއިތުވި 50 ދުވަސްތެރޭ ލިވަޕޫލްކޮޅަށް ވަތް ފުރަތަމަ ލަނޑެވެ.
މިނަތީޖާއާއެކު ދެޓީމު އެއްވަރު ވެގެން މެޗު ނިމިގެންދާނެކަމަށް ހީކުރެވުނު ނަމަވެސް، ރޮބާޓޯ ފިރްމީނޯވަނީ މެޗުގެ 84 ވަނަ މިނަޓްގައި ލަނޑެއްޖަހައި ލިވަޕޫލަށް އަލުން ލީޑު ނަގައިދިނެވެ. މިއީ މިސީޒަންގައި ފިރްމީނޯ ލިވަޕޫލަށް ކާމިޔާބުކޮށްދިން 10 ވަނަ ލަނޑެވެ.
85' - Great skill from Salah, Henderson finds Firmino and Bobby's superb left-footed effort goes into the top corner!!
— Liverpool FC (at ?) (@LFC) January 23, 2020
[1-2]#WOLLIV https://t.co/lP9d68qdj1
ލިވަޕޫލްއިންވަނީ ޕްރިމިއާ ލީގުގައި މިސީޒަންގައި ކުޅުނު 23 މެޗުގެ ތެރެއިން 22 ކާމިޔާބުކޮށްފައެވެ. އަދި އަނެއް މެޗުވަނީ އެއްވަރު ވެފައެވެ. ޕްރިމިއާ ލީގުގައި އެންމެފަހުން ކުޅުނު 14 މެޗުންވެސް ލިވަޕޫލް މޮޅުވެފައިވާއިރު، ބަލިނުވެ ޕްރިމިއަ ލީގުގައި 40 މެޗު ހަމަކުރި ތިންވަނަ ޓީމަކަށްވެސް ލިވަޕޫލްވަނީ ވެގެންގޮސްފައެވެ.
ލިވަޕޫލަށް އެންމެފަހުން ޕްރިމިއާ ލީގު ލިބިފައިވަނީ މީގެ 30 އަހަރު ކުރިންނެވެ.
								
											


														
														
														
														
														
														