ސަރުކާރުގެ އަމާޒަކީ ކޮންމެ ދަރިވަރަކަށްވެސް ހުނަރު ދަސްކޮށްދިނުންކަމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީއިން ވިދާޅުވީ، ސޫކޫލުތަކުގައި ހިންގަމުންދިޔަ ދަސްވާރު ޕްރޮގަރާމް ހުއްޓާލުމަށްފަހު، ހުރިހާ ކުދިންނަށްވެސް ދިރިއުޅުމަށް ބޭނުންހިފޭ ހުނަރެއް ދަސްކޮށް ދިނުމުގެ ސިޔާސަތެއް ގެންގުޅޭކަމުގައެވެ.
ކުރިން ސްކޫލު ތަކުގައި ކުރިއަށް ގެންދިޔަ ދަސްވާރަށް ދަރިވަރުން ލެވިފައިވަނީ އެންމެ އެދެވޭ ގޮތުގައި ނޫންކަމަށް އެޑިއުކޭޝަނުން ފާހަގަކޮށްފައިވާއިރު، ދަސްވާރުގެ ސަބަބުން ދަރިވަރުންގެ ޘާނަވީ ތަޢުލީމްގެ މަރުހަލާއަށް ވަރަށް ނޭދެވޭ އަސަރު ކުރާކަމަށާއި އަދި ގްރޭޑް 10 ގައި ދަސްވާރު ޕްރޮގްރާމް ހެދޭކަން އެގުމުން ދަށް ގްރޭޑް ތަކުގައިވެސް ދަރިވަރުން ކިޔެވުމަށް ސަމާލުކަން ނުދީ ލުއިގޮތަކަށް ޘާނަވީ މަރުހަލާ ނިންމާކަން ފާހަގަ
ކުރެވިފައިވާކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ގިނަ ފަރާތްތަކުގެ ލަފަޔާ އިރުޝާދުގެ އަލީގައި ކޮންމެ ކުއްޖަކަށްވެސް ދިރިއުޅުމަށް ބޭނުންހިގޭ ހުނަރު ޕްރޮގްރާމެއް ކުރިއަށް ގެންދިއުން ކަމަށްވާއިރު މިކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވެފައިވާކަމުގައިވެސް މިނިސްޓްރީން ވިދާޅުވިއެވެ.
އަދި ހުނަރު ޕްރޮގްރާމެއް ފަރުމާކުރުމުގެ މަސަކަތް ކުރިއަށްދާކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން މިނިސްޓްރީން ވިދާޅުވީ، މިނިސްޓްރީގެ މަޤްސަދަކީ ހުނަރަކީ ހަމައެކަނި ދަށް ކުދިންނަށް އޮންނަ އެއްޗަކަށް ހެދުމުގެ ބަދަލުގައި ސްކޫލްތަކުން ނިކުންނަ ކޮންމެ ދަރިވަރަކީވެސް މަސައްކަތްތެރިކަމުގެ ހުނަރެއް ދަސްކޮށްފައިވާ ދަރިވަރަކަށް ހެދުންކަމަށެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އުންމީދަކީ ގްރޭޑް 10 ނިންމާ ކޮންމެ ދަރިވަރަކީ ތަޢުލީމީ ގޮތުން ޤާބިލު، މަސައްކަތުގެ މާހައުލުގައި ބޭނުންކުރެވޭ މިންވަރަށް ލިޓްރެސީ އާއި ނިއުމެރެސީ އެނގޭ، އަދި ދިވެހިބަހާއި ދީނަށް އަހުލުވެރި ދަރިވަރަކަށް ހެދުންކަމުގައިވެސް ވިދާޅުވިއެވެ.
މިކަމާގުޅޭ ސަރކިއުލަރ މިނިސްޓްރީން ވަނީ މިދަޔަ ބުރާސްފަތި ދުވަހު ސްކޫލުތަކަށް ފޮނުވާފައިވެއެވެ.




