ޒުވާން ހާލަންޑް ރެކޯޑެއް ހަދައިފި

ބޮރޯސިއާ ޑޯޓުމުންޑަށް ކުޅެމުން އަންނަ ޒުވާން އާލިން ހާލަންޑް ރެކޯޑެއް ހަދައިފިއެވެ.

ހާލަންޑް ރެކޯޑް ހަދާފައިވަނީ ރޭ ބުންޑެސްލީގާގައި ޑޯޓުމުންޑާއި ކޯލްން ބައްދަލުކުރި މެޗުގައެވެ. މިމެޗު 5-1 ގެ ނަތީޖާއަކުން ފަސޭޙަކަމާއެކު ޑޯޓުމުންޑުން ކާމިޔާބުކޮށްފައިވާއިރު، ހާލަންޑުވަނީ ޑޯޓުމުންޑަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިދެލަނޑާއެކު ހާލަންޑް ޑޯޓުމުންޑަށް މިހާތަނަށް 5 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ބުންޑެސްލީގާގައި އަލަށް ކުޅުނު ފުރަތަމަ ދެ މެޗުން ފަސް ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިއަކަށްވެސް އުމުރުން 19 އަހަރުގެ ހާލަންޑްވަނީ ވެގެންގޮސްފައެވެ.

ހާލަންޑް ފަސް ލަނޑު ހަމަކޮށްފައިވަނީ ދަނޑުމަތީ ޖުމްލަ 57 މިނަޓް ހޭދަކުރުމަށްފަހުގައެވެ. އާކްލަބަކަށް އެހާ ކުޑަ ވަގުތު ކޮޅެއްގައި ފަސް ލަނޑުޖެހި ފުރަތަމަ ކުޅުންތެރިއަކީވެސް އޭނާއެވެ.

މިއަހަރުގެ ޖެނުއަރީމަހު ޑޯޓުުމުންޑާއި ގުޅުނު ހާލަންޑް ޑޯޓުމުންޑަށް މިހާތަނަށް ކުޅެދީފައިވަނީ އެންމެ ދެމެޗެވެ. އެދެމެޗުގައިވެސް އޭނާ ކުޅެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އޯގްސްބާގާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ހެޓްރިކެ ހަދައި ހާލަންޑްވަނީ ނޫސްތަކުގެ ހެޑްލައިނުން ޖާގަ ހޯދާފައެވެ.

ޖަރުމަނަށް ބަދަލުވުމުގެ ކުރިންވެސް ލަނޑު ޖެހުގެ ހުނަރުން އެތަށް ބަޔަކު ހައިރާންކޮށްލި ހާލަންޑްވަނީ ކުރީގެ ކްލަބު ސަލްޒްބާގަށް 14 މެޗުން 16 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ރޭގެ މެޗުގައި ޑޯޓުމުންޑުން ޖެހި އަނެއް ތިން ލަނޑު ޖަހާދީފައިވަނީ ރަފެލް ގެރެއިރޯ އަދި މާކޯ ރުއީސްގެ އިތުރުން ޖޯޑަން ސަންޗޯއެވެ. ކޯލްންގެ ހަމައެކަނި ލަނޑު މެޗުގެ 64 ވަނަ މިނަޓްގައި ކާމިޔާބުކޮށްދީފައިވަނީ މާކް އޫތެވެ.

ރޭގެ މޮޅާއެކު 19 މެޗުން ލިބުނު 36 ޕޮއިންޓާއެކު ޑޯޓުމުންޑް އޮތީ ތާވަލްގެ ތިން ވަނާގައެވެ، ދެވަނާގައި އޮތް ބަޔާންއަށްވެސް 36 ޕޮއިންޓް ލިބިފައިވާއިރު ޑޯޓުމުންޑަށް އިތުރަށް ފައިދާ 5 ގޯލް ބަޔާނަށް ލިބިފައިވެއެވެ. 40 ޕޮއިންޓާއެކު ލީގުގެ އެއްވަނާގައި އޮތީ ލެއިޕްޒެގެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ