އަނިޔާގެ ސަބަބުން ބަޔާން މިއުނިކްގެ ލެރޯއި ސާނޭއަށް ޑޯޓުމުންޑާއި ދެކޮޅަށް ކުޅޭ ޑީއެފްއެލް ސުޕަރަކަޕުގައި ނުކުޅެވޭނެކަމަށް ބަޔާންގެ ކޯޗް ހަންސީ ފްލިކް ބުނެފިއެވެ.
އެލިއެންޒް އެރީނާގައި ކުޅުމަށް ހަމަޖެހިފައިވާ ފޯރިގަދަ މިމެޗު ފަށެމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 11:30 ގައެވެ. މިމެޗަކީ ޖަރުމަނުގެ ލީގު (ބުންޑެސްލީގާ) ޗެމްޕިއަންއާއި ކަޕް (ޑީއެފްބީ-ޕޯކަލް ކަޕް) ޗެމްޕިއަންއާ ދެމެދު ކުޅެވޭ މެޗެކެވެ. މިދިޔަ ސީޒަންގެ މިދެމުބާރާތްވެސް ކާމިޔާބުކޮށްފައިވަނީ ބަޔާން މިއުނިކުންނެވެ. ޑޯޓުމުންޑަށް މިމެޗުން ޖާގަ ލިބެނީ ބުންޑެސްލީގާ 2019-20 ގެ ދެވަނަ ރަނަރއަޕް ޓީމުގެ ގޮތުންނެވެ.
ކޯޗު ފްލިކް އެކަން ކަށަވަރުކޮށްދީފައިވާއިރު، އިންޓަރނޭޝަނަލް ބްރޭކަށްފަހު ސާނޭއަށް އަލުން ޓީމާއި ގުޅެވޭނެކަމަށް އުންމީދުކުރާކަމަށްވެސް ބުންޏެވެ. ސަނޭގެ ކަކުލަށް އަނިޔާވެފައިވަނީ ބުންޑެސްލީގާގައި ހޯފެންހާމްއާއި ދެކޮޅަށް ކުޅެ ބަޔާން މިއުނިކް ބަލިވެ މެޗުގައެވެ. އެމެޗުން ބަލިވެފައިވަނީ 1-4 ގެ ނަތީޖާއަކުންނެވެ. އަދި އެބައްޔާއެކު ބަޔާންއިން ބަލިނުވެ ހަދަމުންއައި ރެކޯޑަށްވަނީ ނިމުން އައިސްފައެވެ. ބަޔާން އެއްވެސް މެޗަކުން ބަލިނުވެ 32 މެޗު ހަމަކޮށްފައެވެ.
ސާނޭގެ އިތުރުން އަލަބާގެވެސް އަނިޔާގެ މައްސަލަތަކެއް ހުރިކަން ފްލިކްވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް އޭނާއަށް އެމެޗުގައި ކުޅެވޭނެކަމެއްވެސް އަދި ނޫންކަމެއްވެސް ޔަޤީންނުވާކަމަށް ފްލިކް ބުންޏެވެ.
?️ #Flick: "@David_Alaba has muscular problems, so we will have to see how that develops. @LeroySane19 will miss out. Hopefully he will be back after the international break. He's got a capsule injury in his knee."#FCBBVB pic.twitter.com/SprO8AmeLZ
— FC Bayern English (@FCBayernEN) September 29, 2020
މެންޗެސްޓާރ ސިޓީ ދޫކޮށް ސާނޭ ބަޔާން މިއުނިކާއި ގުޅުނީ މިއަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. އުމުރުން 24 އަހަރުގެ ސާނޭ ވަނީ ފަސް އަހަރުގެ އެއްބަސްވުމެއްގައި ބަޔާނާ އެކު ސޮއިކޮށްފައެވެ.
މިހާތަނަށް ބަޔާންއަށް ތިން މެޗު ސާނޭ ކުޅެދީފައިވާއިރު، 1 ލަނޑު ޖަހައި ދެ އެސިސްޓް ހަދާފައިވެއެވެ. އަދި ސެވިއްޔާ ބަލިކޮށް ބަޔާންއާއެކު ސުޕަރކަޕްވެސް ސާނޭވަނީ ކާމިޔާބުކޮށްފައެވެ.



