މާކޯ އަސެންސިއޯ ރެއަލްމެޑްރިޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފައްޓައިފިއެވެ.
އުމުރުން 24 އަހަރުގެ އަސެންސިއޯ މިސީޒަންގައި މިހާތަނަށް ރެއަލްމެޑްރިޑަށް މެޗެއް ކުޅެފައިނުވާއިރު، ޕްރިސީޒަންގައި ލިބުނު ސީރިއަސް އަނިޔާއަކާއި ގުޅިގެން އޭނާ ހުރީ ކުޅުމާއި ދުރުގައެވެ.
އެހެންނަމަވެސް މިހަފްތާގައި ރެއަލްމެޑްރިޑާއެކު އަސެންސިއޯވަނީ ފަރިތަކުންތަކުގައި ބައިވެރިވެފައެވެ. ކުޅުންތެރިންނާއެކު ފަރިތަކުރުން ކުރިއަށް ނުގެންދިޔަ ނަމަވެސް އަސެންސިއޯވަނީ ވަކިން ޓްރެއިނިންގ ސެސަންތަކެއް ނަގާފައެވެ.
ސްޕެއިންގެ ގައުމީ ޓީމުގައިވެސް ހިމެނޭ އަސެންސިއޯ އެނބުރި ޓީމާއި ގުޅޭނެ ވަކި ދުވަހެއް އަދިވެސް ނޭނގޭއިރު، ރެއަލްމެޑްރިޑްގެ އުންމީދަނީ މިސީޒަން ނިމުމުގެ ކުރިން އޭނާ އެނބުރި ކުޅުމަށް އައުމެވެ.
ވާދަވެރި ބާސެލޯނާއާއި ޕޮއިންޓްގެ ގޮތުން ހަމަހަމައިގައި އޮތް ރެއަލްމެޑްރިޑަށް ތާވަލްގެ ދެވަނަ ލިބެނީ ބާސެލޯނާއަށްވުރެ ފައިދާ ދެ ގޯލް މަދުވުމުންނެވެ. މިދެޓީމަށްވެސް 20 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ.
މިހަފްތާގައި ރެއަލް ވަލަޑޮލިޑާއި ދެކޮޅަށް ރެއަލްމެޑްރިޑް ނުކުންނައިރު، ލަލީގާގެ މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 01:00 ގައެވެ.



