ތޭރަ އަހަރަށްފަހު ވެލެންސިއާއިން އަމިއްލަ ދަނޑުގައި ވަރުގަދަ ބާސެލޯނާ ބަލިކޮށްފިއެވެ.
ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މިމެޗު ވެލެންސިއާއިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
ބާސެލޯނާއިން ގިނަ ޕާސްތަކާއެކު މެޗުގައި ޕޮސެސަން ހިފެހެއްޓިނަމަވެސް ވެލެންސިއާއިން ކުރަމުންދިޔަ ހަމަލާތައް މާ ނުރައްކަލެވެ. އެގޮތުން ވެލެންސިއާގެ ލުއިސް ގާޔާ ހިފެހެއްޓުމަށް ޕީކޭ ކުރި ފައުލްއަކާއި ގުޅިގެން ވެލެންސިއާއަށް ޕެނަލްޓީއެއްވެސްވަނީ ލިބިފައެވެ.
ނަމަވެސް ގޮމޭޒް ފޮނުވާލި މިޕެނަލްޓީ ބާސެލޯނާގެ ކީޕަރު ސްޓެގެންވަނީ ދިފާޢުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ނިމިފައިވާއިރު، ދެވަނަ ހާފު ފެއްޓުމާއެކު ވެލެންސިއާ ބާސެލޯނާ ހައިރާންކޮށްލީ 48 ވަނަ މިނަޓްގައި ކާމިޔާބުކުރި ލަނޑާއެކުގައެވެ. ގޮމޭޒްގެ މިހަމަލާ ބާސެލޯނާކޮޅަށް ވަދެފައިވަނީ ޖޯޑީ އަލްބާގައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.
ވެލެންސިއާގެ މިލަނޑަށްފަހު ބާސެލޯނާއިން ކުޅުން އިތުރަށް ވަރުގަދަ ކުރިނަމަވެސް، ބޯޅަ ނިންމާލުމުގައި ދަތި ދަތަކާވަނީ ކުރިމަތިވެފައެވެ. ގިނަ ފުރުޞަތުތަކެއް ބާސެލޯނާއަށް ލިބުނުނަމަވެސް މެޗުގައި ސުން ކެނޑުވޭގޮތް ނުވީ ވެލެންސިއާގެ ޑިފެންސް ލައިނުން ކުރި ހިތްވަރުންނާއި ކީޕަރު ޑޮމެނެޗްގެ ބުރަ މަސައްކަތުންނެވެ. ވެލެންސިއާގެ ކީޕަރު ޑޮމެނެޗްވަނީ ބާސެލޯނާގެ ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާޢުކޮށްފައެވެ.
ރޭގެ މެޗުގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީވެސް 11 ހަމަލާއެއް ވެލެންސިއާ ކޮޅަށް ފޮނުވާލާފައިވާކަން ފާހަގަކޮށްލެވެއެވެ.
ވެލެންސިއާގެ ދެވަނަ ލަނޑު މެޗުގެ 77 ވަނަ މިނަޓްގައި ފެނިގެންގޮސްފައިވާއިރު، މިލަނޑު އެކްލަބަށް ކާމިޔާބުކޮށްދިނީ ޕެނަލްޓީ ޖެހި ގޮމޭޒް ގޮންޒަލޭޒްއެވެ.

މީގެއިތުރުން ކުރިން އާސެނަލްއަށް ކުޅުނު ގެބްރިއެލް ޕޮލިސްޓާވެސްވަނީ ވެލެންސިއާއަށް އިތުރު ލަނޑެއްޖަހައި ދީފައެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު މިލަނޑު ކެންސަލްކޮށްފައިވަނީ ބޯޅަ ލިބުމުގެ ކުރިން ބާސެލޯނާގެ ކުޅުންތެރިއަކަށް ފައުލްކޮށްފައި ވުމުގެ ސަބަބުންނެވެ.
ބާސެލޯނާގެ މިބައްޔާއެކު ރެއަލްމެޑްރިޑަށް މިރޭ ވަލަޑޮލިޑްއާ ބައްދަލުކުރާ މެޗުން މޮޅުވެ، ތާވަލްގެ އެއްވަނަ އެރުމުގެ ފުރުޞަތުވަނީ ލިބިފައެވެ.



