ކުރީގެ ރައީސް ޔާމީން - ފޮޓޯ: ރައީސް އޮފީސް

ޔާމީން ހުންނެވީ ނަޝީދާއި މައުމޫން ހުންނެވިތަން ފެންވަރު ރަނގަޅު ކުރުމަށްފަހު އެތަނުގައި : އިމްރާން

ރައީސް ޔާމީން ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ރައީސް ނަޝީދާއި ރައީސް މައުމޫން ނުހައްޤުން ބަންދުކޮށްފައި ބެހެއްޓިތަން އިތުރަށް ފެންވަރު ރަނގަޅުކުރުމަށްފަހު އެތަނުގައި ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަނީ ލައުންޑަރިންގެ ކުށުގައި 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މއ. ކާމިނީހުޅަނގުގެ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުކުމް ތަންފީޒު ކުރަމުންދަނީ ކުރީ ސަރުކާރުގައި ރައީސް ނަޝީދާއި ރައީސް މައުމޫން ނުހައްގުން ބަންދުކޮށްފައި ބެހެއްޓި ތަން، އިތުރަށް ފެންވަރު ރަނގަޅު ކުރުމަށްފަހު އެތަނުގައި ކަމަށެވެ.

ހޯމް މިނިސްޓްރީ އިން ވަނީ މިކަމާއި ގުޅޭގޮތުން ދެކެވޭ ވާހަކަތައް ދޮގުކޮށް މިއަދު ބަޔާނެއް ވެސް ނެރެފައެވެ. މިނިސްޓްރީން ބުނެފައިވަނީ ޖަލު ހުކުމެއް ތަންފީޛުކުރަމުންދާ ޤައިދީންނަށް ކަށަވަރުކޮށްދޭންޖެހޭ އަސާސީ، އިންސާނީ ޙައްޤުތަކާއި ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ރައީސް ޔާމީނަށްވެސް އެއްވެސް ތަފާތުކުރުމެއްނެތި ފުރިހަމައަށް ފޯރުކޮށްދެމުންދާ ކަމަށެވެ.

ރައީސް ޔާމީނާއި އާއިލާ އަދި ވަކީލުންގެ ފަރާތުންވެސް މިކަމާއި ގުޅޭ އެއްވެސް ސަކުވާއެއް ލިބިފައި ނުވާކަމަށްވެސް ހޯމް މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.

ދާދިފަހުން އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވި ހާލަތު ފެނިފައި ރޮވުނު ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ހިކި އަނަރޫފަވެފައި ކަމަށާއި ކޮންމެ ދުވަހަކުވެސް ކާން ލިބެނީ އެކައްޗެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ