ރައީސްކަން ކޮށްފައިވާ މީހެއްގެ މައްޗަށް ކުށެއް ސާބިތުވެއްޖެނަމަ ރައީސް ކިޔާފައި މުހާތަބު ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ސެކްރަޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.
އަނަސް މިހެން ވިދާޅުވެފައި މިވަނީ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ މިއަދު ކުރެއްވި ޓްވޭޓެއްގައި ރައީސް މައުމޫނާއި ރައީސް ނަޝީދުގެ ނަން ބޭނުން ކުރެއްވިއިރު "ރައީސް" ބޭނުން ކުރެއްވުމަށްފަހު ރައީސް ޔާމީން ގެ ނަން ބޭނުންކުރިއިރު "ރައީސް" ބޭނުން ނުކުރުމުން ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ރައީސް ޔާމީން އަކީ ކުރީގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލްގައްޔޫމު ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވެސް ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އަނަސް ވިދާޅުވީ ރައީސް ކަން ކޮށްފައިވާ މީހެއްގެ މައްޗަށް ކުށެއް ސާބިތުވެއްޖެނަމަ ޤާނޫނު ނަންބަރު 9/2009 އިން ލިބޭ އެއްވެސް އިނާޔަތެއް ނުލިބޭ ގޮތަށް ޤާނޫނަށް ބަދަލު ގެނައީ 2016 ގައި ކަމަށެވެ.
"ރައީސް" މިގޮތަށް މުހާތަބަ ކުރެވުމަކީވެސް އެ ޤާނޫނުން ލިބޭ އިނާޔަތެއް ކަމަށެވެ. އެހެން ކަމުން ކުށް ސާބިތުވުމުން އެ އިނާޔަތްވެސް ނުލިބޭނެ ކަމަށް އަނަސް ވިދާޅުވިއެވެ.
Raees kan koffaivaa meehehge mahchah kusheh saabithu vejje nama qaanoonu number 9/2009 in libey evves inaayatheh nulibey gothah qaanoonah badhalu genaee 2016 ga. “Raees” migothah mukhaathabu kurevumakee ves e qaanoonun libey inaayatheh. Kuh saabithu vumun e inaayatheh nulibeyne. pic.twitter.com/whduENJPno
— Anas Abdul Sattar (@anasabdulsattar) January 26, 2020
އިދިކޮޅު ފަރާތްތަކުން މިފަހުން ބޭއްވި އެއްވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ވަނީ ހިކި އަނަރޫފަވެފައި ކަމަށާއި ކޮންމެ ދުވަހަކު ކާން ދެނީ އެކައްޗެއް ކަމަށެވެ. ނަމަވެސް ހޯމް މިނިސްޓްރީ އިން ވަނީ މިކަން ދޮގުކޮށްފައެވެ.



