ލަލީގާ - ލިބުނު ފުރުޞަތުގެ ބޭނުން ހިފައި ރެއަލްމެޑްރިޑް ތާވަލްގެ އެއްވަނައަށް

ސްޕެނިޝް ލަލީގާގައި ރޭ ވަލަޑޮލިޑްއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް ރެއަލްމެޑްރިޑް ޖެހިލައިފިއެވެ.

ޖޯސޭ ޒޮރިއްލާ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗު ރެއަލްމެޑްރިޑުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާ އަކުންނެވެ. ރޭގެ މޮޅާއެކު ރެއަލްމެޑްރިޑް ވާދަވެރި ބާސެލޯނާ ފަހަތަށް ޖައްސާލުމަށްފަހު ތާވަލްގެ އެއްވަނައަށް އެރީ 21 މެޗުން 46 ޕޮއިންޓާއެކުގައެވެ. ދެވަނާގައި އޮތް ބާސެލޯނާއަށް ލިބިފައިވަނީ 43 ޕޮއިންޓެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރެއަލްމެޑްރިޑްގެ ފަރާތުން މާ ނުރައްކާތެރި ހަމަލާތަކެއް ފެނިގެން ނުދިޔަނަމަވެސް މެޗުގެ ވަރަށް ކުރީކޮޅު ރެއަލްމެޑްރިޑުންވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް ކަސެމީރޯ ޖެހި މިލަނޑު ވީއޭއާރު ބެލުމަށްފަހު ވަނީ ކެންސަލްކޮށްފައެވެ. ލިބުނު ހިލޭ ޖެހުމަކުން ހުރަސްވި ބޯޅަ ކަސެމީރޯ ބޮލުން ގޯލަށް ފޮނުވާލިއިރު، ކަސެމީރޯ މިބޯޅައަށް އަރާފައިވަނީ އޮފްސައިޑު ޕޮޒިޝަންއެއްގައި ހުރެއެވެ.

ފުރަތަމަ ހާފު 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެން ނިމިފައިވާއިރު، ދެވަނަ ހާފު ރެއަލްމެޑްރިޑުން ހަމަލާތަށް އިތުރަށް ވަރުގަދަކުރިއެވެ. އެގޮތުން ސުމެއް ކަނޑުވަން ގިނަ ފުރުޞަތުތަކެއްވަނީ ލިބިގެން ގޮސްފައެވެ. އޭގެތެރެއިން ބެންޒެމާއަށާއި އިސްކޯއަށް ލިބުނު ފުރުޞަތު ފާހަގަކޮށްލެވެއެވެ.

ރެއަލްމެޑްރިޑުން ކުރަމުންއައި މަސައްކަތުގައި ކުލަޖެހިގެންދިޔައީ މެޗުގެ 78 ވަނަ މިނަޓްގައި ޓޯނީ ކްރޫސްގެ ހުރަހަކުން ނަޗޯ ކާމިޔާބުކޮށްދިން ލަނޑާއެކުއެވެ. ނަޗޯ ބޮލުން ކާމިޔާބުކުރި މިލަނޑާއެކު ރެއަލްމެޑްރިޑުން ކުރަމުން އައި މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދިޔައިރު، މިލަނޑުން ރެއާލްގެ އެތަށް ސަޕޯޓަރުންގެ މޫނުމަތިން ހިނިތުންވުން ގެނުވިއެވެ.

އަދި އޭގެ ކުޑަވަގުތު ކޮޅެއް ފަހުން ވަލަޑޮލިޑުގެ ގާޑިއޯލާ ޖެހި ލަނޑާއެކު ރެއަލްމެޑްރިޑު ޙައިރާންކޮށްލިއެވެ. ނަމަވެސް ގާޑިއޯލާ ލަނޑު ޖެހިއިރު ލައިންސްމަން ހުރީ އޮފްސައިޑަށް ދިދަ ނަގައިގެންނެވެ. އަދި ވީއޭއާރު ބެލުމަށްފަހު އެއީ އޮފްސައިޑު ލަނޑެއްކަންވަނީ ޔަޤީންކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ