ސީރީއާ - ޔުވެންޓަސް ނަޕޯލީ އަތްދަށު ވެއްޖެ

އިޓާލިއަން ސީރިއާގައި ރޭ ތާވަލްގެ ދިހަވަނާގައި އޮތް ނަޕޯލީ އާއި ބައްދަލުކުރި މެޗުން ޔުވެންޓަސް ބަލިވެއްޖެއެވެ.

ސެން ޕައުލޯގައި ކުޅެވުނު މިމެޗު ނަޕޯލީއިން ކާމިޔާބުކުރީ 2-1 ގެ ނަތިޖާއަކުންނެވެ.

ނަޕޯލީގެ ފަރާތުން ނުރައްކާތެރި މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެޓީމު އެއްވަރު ވެގެންނެވެ.

ދެވަނަ ހާފުގެ ފެއްޓުމާއެކު ރޮނާލްޑޯ ކާމިޔާބުކޮށްދިން ލަނޑާއެކު ޔުވެންޓަސްއަށް ލީޑު ނެގުނީކަމަށް ހީކުރެވުނެވެ. ނަމަވެސް 53 ވަނަ މިނަޓްގައި ފެނިގެންދިޔަ އެލަނޑު ކެންސަލްކޮށްފައިވަނީ ރޮނާލްޑޯ އެލަނޑު ޖަހާފައިވަނީ ހިގުއައިން އޮފްސައިޑްގައި ހުރެ ކުޅުނު ބޯޅައަކުންކަމަށްވާތީއެވެ.

އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ނަޕޯލީއިން ލަނޑެއްޖަހައި ލީޑު ނަގާފައިވާއިރު، 63 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ އިންސިގްނޭ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ކީޕަރު ދިފާޢުކޮށް ފޮނުވާލި ވަގުތު އޭރިއާތެރޭ ހުހަށް ހުރެ ޒިލިންސްކީ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަޕޯލީއިން ލީޑު އިތުރަށް ފުޅާކުރީ މެޗުގެ 86 ވަނަ މިނަޓްގައި އިންސިގްނޭ ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. މިނަތީޖާއާއެކު ޔުވެންޓަސް ދަށްވަމުން ދަނިކޮށް މެޗުގެ ފަހު މިނަޓްގައި ރޮނާލްޑޯވަނީ ލަނޑެއްޖަހައި ފަރަގު ކުޑަކޮށްފައެވެ. މިއީ ރޮނާލްޑޯ ލީގުގައި ޖެހިޖެހިގެން ލަނޑުޖެހި 8 ވަނަ މެޗެވެ. މިއީ މިސީޒަންގައި އޭނާ ޔުވެންޓަސްއަށް ކާމިޔާބު ކޮށްދިން 20 ވަނަ ލަނޑެވެ.

ރޮނާލްޑޯގެ ލަނޑާއެކު އާހިތްވަރެއް ލިބިގެން ޔުވެންޓަސްއިން މެޗުގެ ފަހު ވަގުތު ކޮޅުގައި ނަޕޯލީއަށް ވަރަށް ނުރައްކާކުރިއެވެ. އެގޮތުން އިތުރު ވަގުތުގައި ހިގުއައިން ފޮނުވާލި އޯވަރހެޑް ފާހަގަކޮށްލެވެއެވެ. މިއޯވަރހެޑް ދިފާޢުކުރީ ނަޕޯލީގެ ކީޕަރު މެރެޓެވެ.

މިމެޗުން ދަށްވުމާއެކު ޔުވެންޓަސްއާއި ދެވަނާގައި އޮތް އިންޓަރމިލާންއާއި ދެމެދުއޮތް ފަރަގުވަނީ 3 ޕޮއިންޓަށް ކުޑަވެފައެވެ. 51 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި ޔުވެންޓަސް އިތްއިރު އިންޓަރމިލާން ދެވަނާގައި އޮތީ 48 ޕޮއިންޓާއެކުގައެވެ. 27 ޕޮއިންޓާއެކު ނަޕޯލީ އޮތީ ތާވަލްގެ 10 ވަނާގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ