ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ފުރާވަޑައިގެންފިއެވެ.
ޑީއާރުޕީގެ ލީޑަރ ގެ މަޤާމްގައިވެސް ހުންނެވި ޖާބިރު އުމްރާގެ މަތިވެރި އަޅުކަމަށް ފުރާވަޑައިގެންނެވިކަން އަނބިކަނބަލުން ދިޔާނާ ސައީދު ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ދިޔާނާ ވަނީ ފިރިކަލުން ޖާބިރުގެ އުމްރާއަކީ ﷲ ގެ ހަޟުރަތުގައި ގަބޫލު ކުރެއްވިގެންވާ އުމްރާއަކަށް ވުން އެދި ދުޢާކުރައްވާ ކަމަށެވެ.
މީގެ އިތުރުން ދިޔާނާ ވަނީ ޖާބިރު ތެދުމަގުގައި ޘާބިތު ކުރައްވައި އުފާވެރިކަމާއި ބާއްޖަވެރިކަން މިންވަރު ކުރެއްވުން އެދި ދުޢާވެސް ކުރައްވާފައެވެ.
ކާށިދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރައްވާފައިވާއިރު، ޖާބިރު ވަނީ އެ ދާއިރާގެ ރައްޔިތުންނަށް ބޮޑެތި ވަޢުދުތަކެއްވެސް ވެ ވަޑައިގެންފައެވެ. އެގޮތުން އެންމެ މަޤްބޫލުވެގެންދިޔަ އެއް ވަޢުދަކީ ކޭބަލް ކާރު އެޅުމުގެ ވަޢުދެވެ.
ޖާބިރުގެ މި ބޮޑެތި ވަޢުދުތަކަށް ގިނަ ބަޔަކު ފާޑު ކިޔަމުން ދާޢުރު ޖާބިރު ވިދާޅުވެފައި ވަނީ ވަޢުދުތަކަކީ ނުފުއްދޭނެ ވަޢުދުތަކެއް ނޫންކަމަށެވެ.
މަޖިލީހުގެ ތަޅުމުގައިވެސް ޖާބިރު އަކީ ގިނަބައެއްގެ ސަމާލުކަން އތުލާފައިވާ ބޭފުޅެކެވެ.



