ކޮރޯނާ ވައިރަސް ޗައިނާ ޓޫރިސްޓަކާއެކީ ރާއްޖެ އައުމުގެ ފުރުސަތު ވަރަށްބޮޑުކަމަށް މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ކަންބޮޑުވުން ފާޅުކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގައި އަލްހާން ވިދާޅުވީ، ކޮރޯނާ ވައިރަސް ޗައިނާ ޓޫރިސްޓަކާއެކީ ރާއްޖެ އައުމުގެ ފުރުސަތު ވަރަށްބޮޑުކަމަށާއި، ޗައިނާގެ ފަތުރުވެރިން ރާއްޖެ އައުން ވަގުތީ ގޮތުން ނަމަވެސް ހުއްޓުވަންޖެހޭކަމަށެވެ.
އަދި ކޮރޯނާ ވައިރަސް ރާއްޖެ އަތުވެދާނެކަމުގެ ބިރު ބޮޑުއިރު، ސަރުކާރުން އަޅަންޖެހޭ ފިޔަވަޅު ނާޅާތީ ކަންބޮޑުވާކަމަށްވެސް އަލްހާންގެ މިޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ކޮރޯނާ ވައިރަސް ރާއްޖެ އަތުވެދާނެކަމުގެ ބިރު ބޮޑު! ސަރުކާރުން އަޅަންޖެހޭ ފިޔަވަޅު ނާޅާތީ ކަންބޮޑުވޭ!
— ALHAN FAHMY ?? (@AlhanFahmy) January 27, 2020
ޗައިނާގެ ފަތުރުވެރިން ރާއްޖެ އައުން ވަގުތީ ގޮތުން ނަމަވެސް ހުއްޓުވަންޖެހޭ!
ިމި ވައިރަސް ޗައިނާ ޓޫރިސްޓަކާއެކީ ރާއްޖެ އައުމުގެ ފުރުސަތު ވަރަށްބޮޑު!@ibusolih
ބާރު ސްޕީޑެއްގައި ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު މި ވައިރަސް ޖެހިގެން މިހާތަނަށް 80 މީހުން ވަނީ މަރުވެފަ އެވެ. އަދި އެކި ގައުމުތަކުން 1،700 އަށް ވުރެ ގިނަ މީހުންގެ ގައިން އެ ވައިރަސް މިހާރު ވަނީ ފެނިފައެވެ.
ކޮރޯނާވައިރަހަށް ޝައްކުވާ މީހަކު މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާކަމަށް ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވަނީ ވިދާޅުވެފައެވެ. އަދި މިވައިރަސް ރާއްޖޭގައި ފެތުރި ފުޅާ ވެއްޖެ ނަމަ، މާލެ ކައިރީ އޮތް ފުނަދޫގައި އައިސޮލޭޝަން ފެސިލިޓީ އެއް ގާއިމް ކުރާނެ ކަމަށްވެސް ހެލްތު މިނިސްޓަރު އަބްދުﷲ އަމީންވަނީ ވިދާޅުވެފައެވެ.




