އަނިޔާއަށްފަހު ޑެމްބެލޭ ބާސެލޯނާ ފަރިތަކުރުންތަކުގައި ބައިވެރިވާން ފައްޓައިފިއެވެ.
ފްރާންސްގެ ޤައުމީ ޓީމުގައިވެސް ހިމެނޭ ޑެމްބެލޭއަށް އަނިޔާވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ގައި ބްރޯސިއާ ޑޯޓުމުންޑާއި ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގު މެޗުގައެވެ.
އެމެޗުގައި ކުޑަހުޅަށް ލިބުނު އަނިޔާއާއި ގުޅިގެން ކުޅުމާއި ދުރުގައި ހުރި ޑެމްބެލޭ ފަރުވާގެ ފަހު ސްޓޭޖުގައި މިހާރު އުޅޭއިރު ވަރަށް އަވަހަށް ބާސެލޯނާގެ ޓީމުން ފެންނާނެކަމަށް ރިޕޯރޓްތައް ބުނެއެވެ. އެހެންނަމަވެސް ޑެމްބެލޭގެ މިއަނިޔާ އެއްކޮށް ރަނގަޅުވާން އަދި ދެ ހަފްތާ ބޭނުންވާނެކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.
ފެބުރުއަރީ 15 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ގެޓަފޭއާއި ދެކޮޅަށް ބާސެލޯނާ ނުކުންނަ މެޗުގައި ޑެމްބެލޭ ފެނުން އެކަށީގެންވާކަމަށް ރިޕޯރޓްތައް ބުނެއެވެ.
އަނިޔާގެ މައްސަލަތައް ބާސެލޯނާއަށް މިސީޒަންގައި ދިމާވެފައިވާއިރު، ލުއިސް ސުއަރޭޒް ދާދިފަހުންކުރި ކަކުލުގެ އޮޕަރޭޝަނާއެކު އޭނާއަށް މިސީޒަންގެ ބާކީބައި ނުކުޅެވޭނެއެވެ. އެހެންކަމުން މިވަގުތު ޓީމުގައި ކުރިއަށް ކުޅެން ހުރީ ސީނިއާރ އެންމެ ދެކުޅުންތެރިންނެވެ. އެއީ މެސީއާއި ގްރިޒްމަންއެވެ.
ލީގުގައި އެންމެފަހުން ވެލެންސިއާއާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ތާވަލްގެ ދެވަނައަށް ބާސެލޯނާ ވެއްޓިފައިވާއިރު ވާދަވެރި ރެއަލްމެޑްރިޑް ތާވަލްގެ އެއްވަނާގައި އޮތީ ތިން ޕޮއިންޓްގެ ފަރަގަކާއެކުއެވެ.



