މަކުނުދޫއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި އަނެއްކާވެސް ހޯދައިފި އެވެ.
މިތަކެތި ހޯދާފައިވަނީ މާލެއިން މަކުނުދުއަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހދ. މަކުނުދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.
އިއްޔެ މާލެއިން މަކުނުދުއަށް އައި ބޯޓުން ބާލާފައި ހުރި ފޮށިގަނޑެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވާކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ. މި މައްސަލަ ހދ. މަކުނުދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
މިމަހު 25 ވަނަ ދުވަހުވެސް ވަނީ ކުޅުދުއްފުށިން މަކުނުދޫއަށް ގެންދިޔަ ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިިން ރަބަރު ޕެކެޓް ހޯދާފައި ވެއެވެ.




