ރައީސް ޔާމީން މިއަދު ކޯޓަށް ގެންދިއުމަށް މާލެ ގެންނަނީ | ފޮޓޯ : މިހާރު

އަދުރޭ އަށް ފެނުނީ ކޮން ޔާމީނެއް؟

"ޔާމީން ވިދާޅުވީ ފެންވެރުމުގެ ކަންކަން ވަރަށް ދައްޗޭ. ތުނބުޅި ބޭލޭނެ ގޮތެއް ނެތޭ. ކާން ގެންނަ އެއްޗެހި ރޮލެއް ނުފިލުވައޭ. ސާޅީސް ފަސް ދުވަސް ވެގެން ދިޔައިރު ކާން ދެނީ އެކައްޗެކޭ. ނިދާކަށް ފަސޭހައެއް ނޫނޭ. ގަސްތުގައި އަޑުގަދަ ކުރަނިއްޔޭ. އެހާ ހިސާބަށް ވާހަކަ ދިޔައީމާ އެ ވާހަކަ އަޑުއަހާކަށް އަޅުގަނޑަށް އިތުރަށް ކެތެއް ނުވި. ހަމަ ހަގީގަތަށް މިދަންނަވަނީ އަޅުގަނޑަށް ރޮވުނު" މިއީ ދާދަފަހުން އިދިކޮޅު ކޯލިޝަނުން ހއ. ބާރަށުގައި ބޭއްވެވި ޖަލްސާއެއްގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ވާހަކަ އެކެވެ.

ހަމަ މިއާއިއެކު ތަކުރާރުކޮށް އަދުރޭ ވިދާޅުވަމުން ގެންދެވީ ރައީސް ޔާމިން ހުންނެވީ "ހިކި އަނަރޫފަވެފައި" ކަމަށެވެ. މިކަމާއި ގުޅިގެން ހޯމް މިނިސްޓްރީން މިކަން ދޮގުކޮށް ވަނީ ބަޔާނެއް ނެރެފައެވެ. ހަމަ މިއާއިއެކު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ޔާމީން ހުންނެވީ ރައީސް ނަޝީދާއި ރައީސް މައުމޫނުވެސް ހުންނެވި ތަނުގައި އެޔަށްވުރެވެސް ފެންވަރު ރަނގަޅުކޮށް ކަމަށެވެ.

އެހެންނަމަވެސް އަދުރޭ ވަނީ އެކަން ގަބޫލު ނުކުރައްވާ ކަމަށާއީ ރައީސް ޔާމީން ހުންނެވީ "ހިކި އަނަރޫފަވެފައި" ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. "އިމްރާން ދޮގު ކުރެއްވިއަސް ނަޝީދު ދޮގު ކުރެއްވިއަސް އިބްރާހިމް މުހައްމަދު ސޯލިހް ދޮގު ކުރެއްވިއަސް އަޅުގަނޑުމެން އެކަން ގަބޫލެއް ނުކުރާނަން" އަދުރޭ ވިދާޅުވިއެވެ.

އަދުރޭގެ ވާހަކާއި ގުޅިގެން ގިނަބަޔަކު ދިޔައީ މީސް މީޑިއާގައިވެސް ރައީސް ޔާމީންގެ ހިކި އަނަރޫފަ ވުމުން ހުންނާނެ ގޮތްގޮތާއިމެދު ތަފާތު ހިޔާލު ފާޅުކުރަމުންވެ. "80 އިން މަތީ ބޮޑުބޭބެ ކުރި ހިތްވަރު، ހިތަށް ގެނެސް ހިތްވަރު ލިބިގަތުމަށް ރައީސް ޔާމީން އަށް އަދުރޭ ދެންނެވިންތަ؟" މިއީ މިކަމާއި ގުޅިގެން މީހަކު ކޮށްފައިވާ ކޮމެންޓެކެވެ.

މިދިޔަ ނޮވެމްބަރ 28 ވަނަ ދުވަހު މަނީ ލައުންޑަރިންގެ ކުށް ސާބިތުވެ 5 އަހަރު ދުވަހަށް ޖަލަށް ލުމަށްފަހު ބަރާބަރު 2 މަސްދުވަސް ފަހުން އިއްޔެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމްގެ އިސްތިއުނާފު ޝަރީއަތަށް އިއްޔެ މާލެ ގެންނަކަން އިނގުމުން ގިނަބަޔަކު ދިޔައީ އަދުރޭ ވިދާޅުވާ "ހިކި އަނަރޫފަވެފައިވާ" ރައީސް ޔާމީން ދެކިލަން އިންތިޒާރު ކުރަމުންނެވެ.

އިއްޔެ ކޯޓަށް ގެންދަން ރައީސް ޔާމީން މާލެ ގެންނަ ވަގުތަށް އާންމުންނާއި ނޫސްވެރިން ގެންދިޔައީ ތައްޔާރުވަމުން ނެވެ. ރައީސް ޔާމީންގެ ހިކި އަނަރޫފަ ވެފައިވާ ހަށިގަނޑު ފޮޓޯ ނެގުމަށެވެ. މާފުށިން ލޯންޗު އައިސް މާލެއަށް ގާތް ކުރުމާއިކު އަދުރޭ އެބުނާ ހިކި އަނަރޫފަވެފައިވާ ރައީސް ޔާމިންގެ ފޮޓޯތަށް މީސް މީޑިއާގައި ދައުރުވާން ފެށިއެވެ. ފަހަރުގައި އަދުރޭ މިފަހަރުވެސް އަނަރޫފަވާން ގެންގުޅުނު ފޯމިއުލާ އާއި އެހެން ދިވެހިން ގެންގުޅޭ ފޯމިއުލާއާއި ތަފާތު ވީއެވެ.

ދިވެހިންނަށް އިއްޔެ ފެނުނު ރައީސް ޔާމީން އަށް މާބޮޑު ބަދަލުތަކެއް އައިސްފައިވާކަމެއް ފެންނަ ފޮޓޯ ތަކުން ހާމައެއް ނުވެއެވެ. މިއާއިއެކު އަނެއްކާވެސް ދިވެހިން ބުނީ އަދުރޭ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އަށް ހިސާބު ޖަހައިދިން ފޯމިއުލާހެން މިފަހަރުވެސް ތިޔަ ގެންގުޅުނު ފޯމިއުލާ ކާމިޔާބެއް ނުވިކަމަށެވެ. އެހެންނޫނީ ފަހަރުގައި އަދުރޭއަށް ފެނުނު ރައީސް ޔާމީން އަކީ އިއްޔެ ދިވެހިންނަށް ފެނުނު ރައީސް ޔާމީން ކަމަށް ނުވެދާނެ އެވެ. އިއްޔެ ދިވެހިންނަށް ފެނުނު ޔާމީން ހުރީ ހިކި އަނަރޫފަ ވެފައެއް ނުނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށް ގެންދިއުމަށްފަހު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް އޭރު އައެވެ. އަދީބުވެސް ހުރީ ޖަލަށް ހުކުމް ކުރަންދެން ވަރަށް ބިޔަ ކޮށެވެ. އެހެންވީމައި އަދުރޭ އަށް އެހެން ހީވުމަކީވެސް އެކަށީގެން ވާކަމެކެވެ. އެހެން ނަމަވެސް ރައީސް ޔާމީން އޭރު ކަންތައްކުރެއްވި ގޮތަށް އެންމެން ކަންތައް ނުކޮށްފާނެ ކަން އަދުރޭއަށް ވެސް އިނގެންވާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ