ބާސެލޯނާއިން ވެލެންސިއާގެ ރޮޑްރީގޯއަށް ފާރަލަނީ!

ބާސެލޯނާއިން ވެލެންސިއާގެ ކުރިއަށް ކުޅެމުން އަންނަ ރޮޑްރީގޯ މޮރޭނޯއަށް ފާރަލަމުން އަންނަކަމަށް ރިޕޯރޓްތައް ބުނެފިއެވެ.

ބާސެލޯނާއިން ރޮޑްރީގޯއާއި ގުޅޭގޮތުން ވާހަކަ ދައްކާފައިވާކަން ވެލެންސިއާއިންވަނީ ކަށަވަރުކޮށްދީފައިވާއިރު، ބާސެލޯނާއިން އަންނަނީ ސުއަރޭޒްގެ ބަދަލުގައި ޓީމަށް ރަނގަޅު ކުޅުންތެރިއެއް ގެނައުމުގެ މަސައްކަތްކުރަމުންނެވެ. ދާދިފަހުންކުރި ކަކުލުގެ އޮޕަރޭޝަނާއެކު ކުރިއަށް އޮތް ހަތަރު މަސްދުވަހު ސުއަރޭޒް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަމަށް ރިޕޯރޓްތައް ބުނެއެވެ.

"ރޮޑްރީގޯއަކީ މެޗުގެ އޮއިވަރަށް ބަދަލުގެނެވޭނެފަދަ މޮޅު ކުޅުންތެރިއެއް. ބާސެލޯނާއިން އޭނާ ހޯދުމުގެ މަސައްކަތްކުރަނީ އެހެންވެ." ވެލެންސިއާގެ ކޯޗު ސެލްޑޭސް ބުންޏެވެ.

ރެއަލްމެޑްރިޑްގެ ރިޒާވް ޓީމަށް ކުރިން ކުޅުނު ރޮޑްރީގޯ މިސީޒަންގައި ވެލެންސިއާއަށް ކުޅުނު ލީގު 18 މެޗުން ދެ ލަނޑު ކާމިޔާބުކޮށްދީފައިވާއިރު، 8 އެސިސްޓް ހަދާފައިވެއެވެ. އެންމެފަހުން ލަލީގާގައި ވެލެންސިއާއިން 2-0 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިކުރި މެޗުގައި ރޮޑްރީގޯވަނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ