ޕްރިމިއާރ ލީގަށް ނޫނެކޭ ބުނެ، އެޑިންސަން ކަވާނީ އެތުލެޓިކޯ މެޑްރިޑާއި ގުޅެން އެއްބަސްވެފައިވާކަމަށް ރިޕޯރޓްތައް ބުނެފިއެވެ.
ރިޕޯރޓްތައް ބުނާ ގޮތުން ކަވާނީއާއި އެތުލެޓިކޯއާއި ދެމެދު މިހާރުވެސް އެއްބަސްވުމަކަށްވަނީ އާދެވިފައެވެ. ދެންއޮތީ އެތުލެޓިކޯއާއި ޕީއެސްޖީއާއި ދެމެދު އެއްބަސްވުމަކަށް އައުމެވެ. ޕީއެސްޖީއިން ކަވާނީ ދޫކޮށްލަން ބޭނުންވަނީ 15 މިލިއަން ޔޫރޯއަށް ކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.
ކަވާނީ އެތުލެޓިކޯއާއި ގުޅެން އެއްބަސްވެފައި މިވަނީ ޕްރިމިއާ ލީގުގެ މެންޗެސްޓާރ ޔުނައިޓެޑާއި، ޗެލްސީގެ ހުށަހެޅުމަށް ނޫނެކޭ ބުނުމަށްފަހުގައެވެ.
މިސީޒަންގައި ކަވާނީ ޕީއެސްޖީއަށް ކުޅެދިން ލީގު 9 މެޗުން ދެ ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.
ނަޕޯލީ ދޫކޮށް ކަވާނީ ޕީއެސްޖީއާއި ގުޅުނީ 2013 ވަނަ އަހަރުއެވެ. ޕީއެސްޖީއާއެކު ކަވާނީ ހަދާފައިވާ އެއްބަސްވުން މިއަހަރުގެ ޖޫންމަހު ނިމުމަކަށް އަންނާނެއެވެ.
ޕީއެސްޖީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަވާނީ ލީގު 1 ގައި ކުޅުނު ދެ ސީޒަނެއްގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވެއެވެ. 2016/17 ގައި ޖުމްލަ 35 ލަނޑާއެކު މިމަޤާމު ކަވާނީ ހޯދާފައިވާއިރު، 2017/18 ގައި ކަވާނީ މިމަޤާމް ހޯދާފައިވަނީ 28 ލަނޑާއެކުގައެވެ.



