ކޮބާ ތައްޔާރުތަ؟ މިރޭ ހުވާ ސީޒަން 2 ދައްކަން ފަށަނީ

ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ވެބް ސީރީޒް “ހުވާ” ގެ ކާމިޔާބު ފުރަތަމަ ސީޒަންއަށްފަހު ދެވަނަ ސީޒަންއެއް ގެނެސްދޭނެކަން އިއުލާންކުރި ހިސާބުން މި ސީޒަނަށް ގިނަ ބަޔަކު ދިޔައީ އިންތިޒާރުކުރަމުންނެވެ. މި އިންތިޒާރީއަށް ނިމުން ގެނެސްދީ މިރޭ ހުވާގެ ދެވަނަ ސީޒަން ބައިސްކޯފުން ދައްކަން ފަށާނެއެވެ.

މި ފަހަރުގެ ސީޒަންގައި އެޕިސޯޑެއްގެ ވަގުތު 20 މިނެޓަށް ދިގުކޮށްފައިވާއިރު، މިރޭ ދައްކާނީ ސީޒަން ދެއެއްގެ ފުރަތަމަ އެޕިސޯޑެވެ.

ދެވަނަ ސީޒަންގެ ޓްރެއިލާއެއްވެސް ބެލުންތެރިންނާއި ހަމައަށް މިހާރު ގެނެސްދީފައިވާއިރު، މިފަހަރުގެ ސީޒަންގައިވެސް ޝައުގުވެރި ކަންތައްތައްތަކެއް ފެނިގެންދާނެއެވެ. އެގޮތުން މިފަހަރުގެ ސީޒަންއިން އެކްޓަރު ރަވީ ފާރޫޤް ކުޅެފައިވާ ކެރެކްޓަރ (އާޒިމް) އިން ރަވީގެ ބަދަލުގައި ދެން ފެނިގެންދާނީ އަބްދުﷲ މުޢާޒް(މުއާ)އެވެ.

ރަވީ ކުޅޭ ރޯލަށް މުއާ ހަމަޖައްސާފައިވަނީ، ރަވީއަށް ވަގުތު ދެވެން ނެތުމުންކަމަށް ނަހޫ ބުނެފައިވެއެވެ. މި ބަދަލާއެކު، މަރިޔަމް އައްޒަ ކުޅެފައިވާ ކެރެކްޓަރ، މިންހާ އާއެކު ދެން ފެނިގެންދާނީ މުއާ އެވެ. ސީރީޒްގައި މި ދެ ކެރެކްޓަރ އަކީ ދެމަފިރިންނެވެ. އަދި އައްޒަ އާއި މުއާއަކީ އަސްލު ދިރިއުޅުމުގައި ދެ ލޯބިވެރިންނަށް ވުމާއެކު މި ދެ ބައިވެރިންގެ ކެމިސްޓްރީ ހުވާގެ ދެވަނަ ސީޒަން އިން ފެނިގެންދާނެއެވެ.

“ހުވާ” އަކީ އާއިލާގެ ތެރޭގައި ހިނގާ މައްސަލަތަކާއި އަދި އިޖްތިމާޢީ ގިނަ މައްސަލަތަކެއް މައްޗަށް އަލި އަޅުވާލައިގެން ގެނެސްދީފައިވާ އަސަރުގަދަ އަދި ޢިބްރަތްތެރި ސީރީޒްއެކެވެ. ހުވާގެ ފުރަތަމަ ސީޒަން ނިމިފައިވާ ގޮތަށް ބަލާއިރު، ސީރީޒްގެ މެއިން ކޮންމެ ކެރެކްޓަރއަކަށްވެސް ވަނީ އުފާވެރި ނިމުމެއް ލިބިފައެވެ.

“ހުވާ” ގެ މިފަހަރުގެ ސީޒަންގެ ތަރިންގެ ތެރޭގައި އަބްދުﷲ މުޢާޒް ، މުހައްމަދު ފައިސަލް، މަރިޔަމް އައްޒަ، ޝީލާ ނަޖީބް، އިބްރާހީމް (ޖިމީ) ޖިހާދު، އައިމިނަތު ރިޝްފާ، އަލީ (ދޮންއައްޔަ) އާޒިމް، އަދި އާރިފާ އިބްރާހީމްވެސް ފެނިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ