މިއަދަކީ ދުނިޔޭގައި ފާހަގަކުރަމުން އަންނަ ބައިނަލް އަޤުވާމީ ޑައުން ސިންޑްރޯމް ދުވަހެވެ. ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް ލިބެންޖެހޭ ހައްޤުތަކާއި ، ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ އިހުސާސް ތަކާއި އެކުދިންނާއި ބެހޭ މައުލޫމާތު ފޯރުކޮށްދީ މީހުން ހޭލުންތެރި ކުރުވުމަށްޓަކައި 21 މަރޗް 2012 އިން ފެށިގެން ކޮންމެ އަހަރަކު މިދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ.
ޑައުން ސިންޑްރޯމް އަކީ ކޮބާ؟
ޑައުން ސިންޑްރޯމް އަކީ ކުއްޖާ އުފެދުމުގައި ކުރޮމަސޯމްއެއް އިތުރުވުމުގެ ސަބަބުން ދިމާވާ ނުކުޅެދުން ތެރިކަމެކެވެ. ޑައުން ސިންޑްރޯމް ނުވަތަ ޓުރައިސޮމީ 21 އަކީ ކްރޮމަސޯމް ގެ 21 ވަނަ ޖޯޑުގައި އިތުރު ކްރޮމަސޯމްއެއް އިނުމުގެ ސަބަބުން އުފެދުމުގައި ހުންނަ އައިބެކެވެ. ފިރިހެންމީހާގެ ދަރިފަނި އަދި އަންހެން މީހާގެ ދަރިމައި ވުމުގެ ބިހުގައި ހުންނަ 23 ކްރޮމަސޯމް ގުޅި ބައިބައި ވުމަށް ދިމާވާ މައްސަލައަކާ ގުޅިގެން އަސްލު ހުންންނަންވާ 46 ކްރޮމަސޯމް ގެ ބަދަލުގައި އެކަތި އިތުރުވެ 47 ކްރޮމަސޯމް އަށް ބަދަލުވެއެވެ. މިގޮތަށް އިތުރުވުމުން ކިޔަނީ ޓްރައިސޮމީ 21 ނުވަތަ ޑައުން ސިންޑްރޯމްއެވެ.
ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ގައިގައި ހުންނާނެ ބައެއްސިފަތައް
ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ގައިގެ މަސްތަކާއި ކަށިތަށް މަޑުވުމެގެ ސަބަބުން ހިނގުމާއި ހެލިފެލިވެ އުޅުމަށް އުނދަގޫ ތަކެއް ކުރިމަތިވާނެއެވެ. އަދި އަނގައިގެ މަސްތަށް މަޑުވުމުގެ ސަބަބުން ވާހަކަދެއްކުމަށް އުނދަގޫވުމާއި އަތުގެ މަސްތައް މަޑުވުމުގެ ސަބަބުން އެއްޗެހީގައި ހިފާ އުޅުމަށް އުނދަގޫވާނެއެވެ. މީގެ އިތުރުން އުމުރުގެ އެހެން ކުދިންނާއި ބަލާއިރު ކުޑަކޮން ހުރުން، ފުޅާފަތި މޫނެއްހުރުން، ކަންފަތް އާންމުކޮށް ހުންނަވަރަށްވުރެ ތިރީގައި ހުރުން، ފައިތިލައާއި އަތްތިލަ އަދި އިނގިލި ތަކުގެ ރޮނގުތައް ތަފާތުކޮން ހުރުން އަދި އެއްޗެހި އުނގެނުމުގައި ލަސްކަމެއްހުރުމަކީ ޑައުން ސިޑްންރޯމް ހުންނަ ކުދިންގެ ފަރާތުން ފެނިދާނެ ސިފަތަކެވެ.
ދިރާސާތަކުން ދައްކާގޮތުގައި ދުނިޔެއަށް އުފަންވާ ކޮންމެ 800 ކުދިންގެ ތެރެއިން 1 ކުއްޖަކީ ޑައުން ސިންޑޯރޮމް ހުންނަ ކުއްޖެކެވެ. އަދި އުމުރުން 35 އަހަރަށްވުރެ މަތިވުމުން ލިބޭ ކުދިންނަށް ބަލާއިރު މި އަދަދު އިތިރުވުމުގެ ފުރުސަތު ވަރަށް ބޮޑުވެގެންދެއެވެ.
ޑައުން ސިންޑްރޯމް ހުރުމަކީ ބާކީކޮންލަންވީ ކަމެއްނޫނެވެ. އެކުދިންނަކީވެސް ކަންކަން ކުރެވޭނެ ބައެއްކަން ޑައުން ސިންޑްރޯމް ހުންނަ އެތައް ކުދިންނެއް ވަނީ ދުނިޔެއަށް ސާބިތުކޮށް ދީފައެވެ.
"ލީވް ނޯ ވަން ބިހައިންޑް" ނުވަތަ އެއްވެސް މީހަކު ބާކީ ނުކުރާށެވެ. މިއީ މިއަހަރު ޑައުން ސިންޑްރޯމް ދުވަހަށް ކަނޑައަޅައިފައިވާ ޝިޔާރެވެ.