ޖަރުމަނުގެ ޤައުމީ ޓީމުގައިވެސް ހިމެނޭ، ޔުވެންޓަސްއަށް ކުޅެމުން އަންނަ އެމްރެ ޗޭން ލޯން އުޞޫލުން ޑޯޓުމުންޑާއި ގުޅިއްޖެއެވެ.
ލޯނު އުޞޫލުން ޗޭން ޑޯޓުމުންޑާއި ގުޅުނީ ސީޒަންގެ ބާކީ އޮތް ބަޔަށެވެ. ނަމަވެސް އެއަށްފަހު 25 މިލިއަން ޔޫރޯ ޚަރަދުކޮށްގެން އޭނާ ގަތުމުގެ ފުރުޞަތު މިއެއްބަސްވުމުގެ ދަށުން ޑޯޓުމުންޑަށް އެބައޮތެވެ.
"ކާމިޔާބީ ހޯދުމުގައި އަހަންނަށް ޑޯޓުމުންޑަށް އެހީތެރިވެދެވޭނެކަމަށް އުންމީދުކުރަން. އަދި މިހާރުވެސް މިހުންނަނީ ދުނިޔެއަށް މަޝްހޫރު ޑޯޓުމުންޑްގެ ސަޕޯޓަރުން ކުރިމަތީ ކުޅެލަން ކެތްމަދުވެފައި." ޗޭން ބުންޏެވެ.
Welcome to Dortmund, Mr. Can ? pic.twitter.com/rJ8UryvDcR
— Borussia Dortmund (@BlackYellow) January 31, 2020
ލިވަޕޫލް ދޫކޮށް ޗޭން ޔުވެންޓަސްއާއި ގުޅުނީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އެއަށްފަހު ފުރަތަމަ ސީޒަންގައި އެކްލަބަށް 37 މެޗު ކުޅެދީފައިވާ ޗޭންވަނީ ސީރީއާ ކާމިޔާބުކޮށްދިނުމުގައި ޔުވެންޓަސްއަށް އެހީތެރިވެދީފައެވެ. އެހެންނަމަވެސް ފުރަތަމަ 11 އިން ޗޭންއަށް ފުރުޞަތު ގެއްލިގެން ދިޔައީ މައުރީޒިއޯ ސާރީ ޔުވެންޓަސްއާއި ޙަވާލުވި ހިސާބުންނެވެ.
މިސީޒަންގެ އިޓާލިއަން ސީރީއާގައި ޗޭން ޔުވެންޓަސްއަށް ކުޅެދީފައިވަނީ އެންމެ 8 މެޗެވެ.
ޗޭން ޔުވެންޓަސް ދޫކޮށް ޑޯޓުމުންޑާއި ގުޅިފައިވާއިރު، ޕްރިމިއާ ލީގުގެ ޓޮޓޭންހާމްއާއި މެންޗެސްޓާރ ޔުނައިޓެޑުންވެސް އޭނާ ހޯދުމަށް މަސައްކަތްކޮށްފައިވެއެވެ.




