ސަންޗޯގެ ހެޓްރިކާއެކު ޑޯޓުމުންޑަށް ފަސޭޙަ މޮޅެއް

އިންގްލޭންޑްގެ ޒުވާން ޖޭޑަން ސަންޗޯގެ ހެޓްރިކާއެކު ޖަރުމަން ބުންޑެސްލީގާގައި ރޭ ޕެޑަރބޯންއާއި ދެކޮޅަށް ކުޅުނު މެޗުން ޑޯޓުމުންޑު މޮޅުވެއްޖެއެވެ.

އަވޭގައި ކުޅުނު މިމެޗު ފަޞޭޙަކަމާއެކު ޑޯޓުމުންޑުން ކާމިޔާބުކުރީ 1-6 ގެ ނަތީޖާއަކުންނެވެ.

ޑޯޓުމުންޑުއިން ކޮންޓްރޯލްކުރި މިމެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންގޮސްފައިވަނީ ދެވަނަ ހާފުގައެވެ. ޑޯޓުމުންޑުގެ ލަނޑުތައް ޖަހައިދިނީ ތޯގަން ހަޒާޑު، އަޝްރަފް ހަކީމީ އަދި މާސެލް ޝްމެލްޒާގެ އިތުރުން ޖޭޑަން ސަންޗޯއެވެ. ޕެޑަބޯންގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހޫނޭމައާއެވެ.

ރޭ ކާމިޔާބުކޮށްދިން ތިން ލަނޑާއެކު ސަންޗޯ މިސީޒަންގައި ކާމިޔާބުކުރި ލަނޑުގެ އަދަދުވަނީ 17 އަށް އަރާފައެވެ. އަދި ރޭ ފެނިގެންދިޔައީ ޕްރޮފެޝަނަލް ކެރިއަރުގައި ސަންޗޯ ހެދި ފުރަތަމަ ހެޓްރިކެވެ. މީގެއިތުރުން ބުންޑެސްލީގާގެ ތާރީޚުގައި އެލީގުގައި 30 ލަނޑު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާއަށްވެސް ސަންޗޯވަނީ ވެގެން ގޮސްފައެވެ.

29 މެޗުން ލިބުނު 60 ޕޮއިންޓާއެކު ޑޯޓުމުންޑު އޮތީ ތާވަލްގެ ދެވަނާގައެވެ. ރޭގެ މޮޅާއެކު އެއްވަނާގައި އޮތް ބަޔާންއާއި އޮތް ފަރަގު 7 ޕޮއިންޓަށް އަނެއްކާވެސްވަނީ ކުޑަވެފައެވެ. ކުރިއަށް އޮތް މެޗުގައި ޑޯޓުމުންޑު ނުކުންނާނީ ހާތާއާއި ދެކޮޅަށެވެ. އެމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 6 ވަނަ ދުވަހުގެ ރޭ 09:30 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ