މެޑްރިޑް ޑާބީގައި ކުޅޭ ޓީމުން ބޭލް ބާކީ ވެއްޖެ

މެޑްރިޑް ޑާބީގައި ކުޅޭ ރެއަލްމެޑްރިޑްގެ ޓީމުން ބޭލް ބާކީ ވެއްޖެއެވެ.

މިރޭ އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅޭ ޓީމު ކޯޗު ޒިދާން އިޢުލާންކޮށްފައިވާއިރު، ބޭލްގެ އިތުރުން ނަޗޯއާއި ރޮޑްރިގޯވެސް އެޓީމުގައި ހިމަނާފައެއް ނުވެއެވެ.

ނިމިގެންދިޔަ ޖެނުއަރީ މަސް ރެއަލްމެޑްރިޑަށް ބާރުބޮޑު މަހަކަށް ވެގެން ގޮސްފައިވާއިރު، މިމަހު ރެއަލްމެޑްރިޑުންވަނީ ސުޕަރކޮޕާ ދެމެޗާއި، ދެ ކޮޕަޑެލްރޭގެ އިތުރުން ލަލީގާގެ ތިން މެޗު ކުޅެފައެވެ. އެހެންނަމަވެސް މިދިޔަ ޖެނުއަރީ މަހުވެސް ބޭލްއަށް ރެއަލްމެޑްރިޑްގެ ގިނަ މެޗުތަކުން ފުރުޞަތު ގެއްލިފައިވެއެވެ. ޖުމްލަ 145 މިނަޓް ބޭލްއަށް ކުޅެލަން ލިބުނުއިރު އޭގެ ތެރެއިން 52 މިނަޓަކީ ކޮޕަޑެލްރޭ ގަދަ 16 ގައި ޔޫނިއަނިސްޓަސްއާއި ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު 52 މިނަޓްގައެވެ. އެމެޗުގައި ބޭލް ލަނޑެއް ކާމިޔާބުކޮށްދީފައިވާއިރު އެއީ މިދިޔަ ސެޕްޓަރުމަހުގެ ފަހުން އޭނާ ރެއަލްމެޑްރިޑަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އެމެޗު ރެއަލްމެޑްރިޑް ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

މިސީޒަންގައި ބޭލް ލަލީގާ 12 މެޗު ކުޅެފައިވާއިރު، ދެލަނޑު ޖަހައި ދެ އެސިސްޓް ހަދާފައިވެއެވެ.

މިދިޔަ ސީޒަންގެ ފަހު ކޮޅު ކޯޗު ޒިދާންއާއި ބޭލްއާއި ދޭތެރޭ ގިނަ މައްސަލަތަކެއް ޖެހުނުއިރު، ބޭލް ރެއަލްމެޑްރިޑް ދޫކޮށްލާނެކަމަށް ގިނަ ސަޕޯޓަރުންނަށް ހީކުރެވުނެވެ. އެހެންނަމަވެސް ރެއަލްމެޑްރިޑާއެކު ކުރިއަށްދާން ބޭލް ނިންމީ އޭނާ ކްލަބުދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.

އެއަށްފަހު ޒިދާންވެސް ފަހުންވަނީ ބޭލް ދިފާޢުކޮށް އެތަށް ފަހަރަކު ވާހަކަ ދައްކާފައެވެ. ނަމަވެސް ޒިދާންގެ ވާހަކަތަކާއި ޢަމަލު މިވަނީ ދިމާވާގޮތް ނުވެފައެވެ. މެޑްރިޑް ޑާބީ ފަދަ މުހިންމު މެޗެއްގައި ބޭލްއަށް ފުރުޞަތު ނުދިނުމަކީ ޒިދާން އަދިވެސް ބޭލް ބޭނުންނުވާކަމުގެ ހެއްކެކެވެ. އަނެއްކޮޅުން ރެއަލްމެޑްރިޑަށް ތާވަލްގެ އެއްވަނަ ލިބެނީ ވާދަވެރި ބާސެލޯނާއަށްވުރެ އިތުރަށް އެންމެ 3 ޕޮއިންޓް ލިބިގެންނެވެ.

ބާނަބޯގައި ކުޅެވޭ ފޯރިގަދަ މެޑްރިޑް ޑާބީ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 08:00 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ