ލަލީގާގައި ރޭ ކުޅުނު މެޑްރިޑް ޑާބީއިން މޮޅުވެ، ރެއަލްމެޑްރިޑް ހަ ޕޮއިންޓްގެ ލީޑަކަށް ޖެހިލައިފިއެވެ.
ރޭގެ މޮޅާއެކު ރެއަލްމެޑްރިޑަށް 22 މެޗުން 49 ޕޮއިންޓް ލިބޭއިރު ދެވަނާގައި އޮތް ބާސެލޯނާއަށް ލިބިފައިވަނީ 43 ޕޮއިންޓެވެ. ރެއަލްއިންވަނީ ބާސާއަށްވުރެ އެއްމެޗު އިތުރަށް ކުޅެފައެވެ.
ބާނަބޯގައި ކުޅެވުނު ފޯރިގަދަ މިމެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާއިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ބެންޒެމާއެވެ. މިއީ މިސީޒަންގެ ލަލީގާގައި ބެންޒެމާ ކާމިޔާބުކޮށްދިން 13 ވަނަ ލަނޑެވެ. މީގެ އިތުރުންވެސް ފަސް އެސިސްޓް ހަދާފައިވާ ބެންޒެމާއަކީ ލަލީގާގައި އެންމެގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓްގެ ދެވަނާގައި އޮތް ކުޅުންތެރިޔާއެވެ.
ރެއަލްމެޑްރިޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ލީޑު ފުޅާ ކުރާނެ އިތުރު ފުރުޞަތުތައް ރެއަލްއަށް ލިބިގެން ގޮސްފައިވާއިރު، ވިނިޝިއަސްއަށް ލިބުނު ފުރުޞަތުތައް ފާހަގަކޮށްލެވެއެވެ.
ރޭގެ މޮޅަކީ ރެއަލްމެޑްރިޑް ޖެހި ޖެހިގެން މޮޅުވި 8 ވަނަ މެޗެވެ. އަދި އެންމެ ފަހުން ކުޅުނު 21 މެޗުން ރެއަލްމެޑްރިޑް ބަލިވެފައެއް ނުވެއެވެ.
ފަރަގު ކުޑަކުރަން ދެވަނާގައި ބާސެލޯނާއަށް މިރޭ ފުރުޞަތު ލިބިގެންދާއިރު، ލެވެންޓޭއާއި ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 01:00 ގައެވެ.



