ފްރެންޗް ލީގު 1 ގައި ރޭ މޮންޕެލިއޭއާި ބައްދަލުކުރި މެޗު ފަސޭޙަކަމާއެކު ކާމިޔާބުކޮށް ޕީއެސްޖީ 13 ޕޮއިންޓްގެ ލީޑަކަށް ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ޕީއެސްޖީއިން ކާމިޔާބުކޮށްފައިވަނީ 5-0 ގެ ނަތީޖާ އަކުންނެވެ.
މެޗު ފެއްޓުމާއެކު ޕީއެސްޖީއިން ލީޑު ނަގާފައިވާއިރު، މެޗުގެ 8 ވަނަ ގައި ފެނިގެންދިޔަ މިލަނޑަކީ ޕަބްލޯ ސަރާބިއާގެ ވަރަށް ހިތްގައިމު ގޯލެކެވެ. އޭރިއާ ބޭރުން ސަރާބިއާ ފޮނުވާލި ހޫނު ހަމަލާ ގޯލްގެ ތެރެއަށް ވަދެގެން ދިޔައީ ކީޕަރަށް އަތްނުޖެހޭ ހިސާބުންނެވެ. ޕީއެސްޖީއަށް މެޗު އިތުރަށް ފަޞޭޙަވެގެންދިޔައީ މެޗުގެ 17 ވަނަ މޮންޕެލިއޭގެ ގޯލްކީޕަރަށް ދެއްކި ރަތްކާޑާއެކުގައެވެ. ކީޕަރަށް ސީދާ ރަތެއް ދައްކާފައިވަނީ އެމްބާޕޭއަށް އެރި ބޯޅައެއް ދިފާޢުކުރަން އުޅުމުގެ ތެރޭގައި އޭރިއާ ބޭރުން ބޯޅައިގެ އަތްލުމާއި ގުޅިގެންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ދެލަނޑުޖަހައި ޕީއެސްޖީއިން ލީޑު ފުޅާކޮށްފައިވާއިރު، ޕީއެސްޖީގެ ދެވަނަ ލަނޑަކީ ޑިމާރިއާ ޗިޕަކުން ޖަހައިދިން ލަނޑެކެވެ. މިލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 41 ވަނަ މިނަޓްގައެވެ. އަދި ތިންވަނަ ލަނޑަކީ މޮންޕެލިއޭގެ ޑިފެންޑަރު ޑެނިއެލް ކޮންގްރޭ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
Another day, another three points in a fun return to the Parc#PSGMHSC
— Paris Saint-Germain (@PSG_English) February 1, 2020
?? #ICICESTPARIS pic.twitter.com/8azs5NHenf
މެޗުގައި މޮޅު ކުޅުމެއްދެއްކި ޕީއެސްޖީއިން މެޗުގެ ދެވަނަ ހާފުގައި އިތުރު ދެލަނޑު ޖަހާފައިވާއިރު، 57 ވަނަ މިނަޓްގައި އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑަކީ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ މިސީޒަންގެ ލީގު 1 ގައި އެމްބާޕޭ ކާމިޔާބުކޮށްދިން 14 ވަނަ ލަނޑެވެ. ޕީއެސްޖީގެ ފަސްވަނަ ލަނޑު ކުރްޒާވާ ކާމިޔާބުކޮށްދިނީ މެޗުގެ 65 ވަނަ މިނަޓްގައެވެ.
މެޗުގެ 68 ވަނަ މިނަޓްގައި އެމްބާޕޭގެ ބަދަލުގައި އިކާޑީ އަރުވާފައިވާއިރު، ބަދަލުކުރުމުން އެކަމާ އެމްބާޕޭ ހިތްހަމަނުޖެހުމުގެ ސަބަބުން ކޯޗު ޓުޗެލް އެމްބާޕޭއާއި ވާހަކަ ދައްކައި މައްސަލަ ޙައްލުކުރަށް އުޅުނު ތަންވަނީ ފެނިގެންގޮސްފައެވެ.
މެޗުގެ ފަހު ވަގުތު ކޮޅުގައި މިމެޗުގައި ފެނިގެންދިޔަ ދެވަނަ ރަތްކާޑު ފެނިގެންގޮސްފައިވާއިރު، މިކާޑު ދައްކާފައިވަނީ މޮންޕެލިއޭގެ ޗޮޓާޑަށެވެ.
ރޭގެ މޮޅާއެކު ތާވަލްގެ އެއްވަނާގައި އޮތް ޕީއެސްޖީއަށް 13 ޕޮއިންޓްގެ ލީޑެއް ލިބިފައިވާއިރު، 22 މެޗުން ޕީއެސްޖީއަށް ލިބިފައިވަނީ 55 ޕޮއިންޓެވެ. ދެވަނާގައި މާސެއިލްއޮތީ 21 މެޗުން ލިބުނު 42 ޕޮއިންޓާއެކުގައެވެ.



