އަލުން ކޮމަންވެލްތުގައި ރާއްޖެއިން ބައިވެރިވުމުން އެމް.އާރު.އެމް އިން މަރުޙަބާ ދަންނަވައިފި

ކޮމަންވެލްތުގައި ދިވެހިރާއްޖެއިން އަލުން ބައިވެރިވުމާއި ގުޅިގެން އެމް.އާރް.އެމް އިން މަރްޙަބާ ދެންނަވައިފިއެވެ.

އެމް.އާރު.އެމް އިން ވިދާޅުވީ، ކޮމަންވެލްތުގައި ދިވެހިރާއްޖެއިން އަލުން ބައިވެރިވުމާއި ގުޅިގެން ދިވެހިރައްޔިތުންނަށް އެޕާޓީން ވަރަށް ބޮޑަށް މަރްޙަބާ ކިޔާކަމުގައެެވެ. އަދި ވަކިން ޚާއްސަކޮށް މި އުފާވެރި ދަނޑިވަޅުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހަށް ވަރަށް ބޮޑަށް ތަހުނިޔާ ދަންނަވާކަމުގައެވެ. ދިވެހިރާއްޖެ އަލުން ކޮމަންވެލްތާ ގުޅުން ވެގެންދާނީ ބަވަނަ ވެފައިވާ މިއަދުގެ ދުނިޔޭގައި، ހުރިހާ ދާއިރާއަކުންވެސް އެހެން ޤައުމުތަކާ އެއް ހަމައެއްގައި ދިވެހިރާއްޖެއިން ފައިތިލަ ސާބިތު ކުރުމަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެއްކަމުގައެވެ.

އެމް.އާރު.އެމް އިން އިތުރަށް ވިދާޅުވީ، މީގެ ތިރީސް އަށް އަހަރު ކުރިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަދި މިޕާޓީގެ އެންމެ އިސްލީޑަރު ރައީސް މައުމޫންގެ ޒަޢާމަތުގައި، ދިވެހިރާއްޖޭން ކޮމަންވެލްތާއި ގުޅުމަށް ނިންމީ، އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ކުރިއެރުމަށް އެތަކެއް ގިނަގުނަ ފައިދާތަކެއްވާނެކަން ފެންނަން އޮތުމުންނެވެ. އެގޮތުން ބޭރު ޤައުމުތަކާ ރަޙްމަތްތެރިކަން ބަދަހިކޮށް ދުނިޔޭގެ ޞުލްޙައާއި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި، ސަރަޙައްދީގޮތުން އަދި ބައިނަލްއަޤްވާމީގޮތުން ޙަރަކާތްތެރިވުމާއި، ރާއްޖޭގެ ގަދަރާއި ޢިއްޒަތާއި ޝަރަފު ދުނިޔޭގެ ކުރިމަތީގައި ކުރިއަރުވާ، ބައިނަލް އަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއަކީ ޑިމޮކްރެޓިކް ހަމަތަކާއި އުޞޫލްތަކަށް އިޙްތިރާމްކުރާ ޤައުމެއްގެ ގޮތުގައި ދުނިޔެއިން ބަލައިގަތުމަކީ، ކޮމަންވެތާއި ގުޅުމުގެ އެއް މަޤްސަދެވެ.

ދެހާސް ސޯޅަ ވަނަ އަހަރާއި ހަމައަށްވެސް ކޮމަންވެލްތުގެ ފަރާތުން ދިވެހިރާއްޖެއަށް ތަފާތު އެކި ދާއިރާތަކުން، ގިނަ ގުނަ އެހީތެރިކަން ލިބިފައިވެއެވެ. އެގޮތުން ކޮމަންވެލްތުން އިސްކަން ދޭ ކަންކަމުގެ ތެރޭގައި ، މޫސުމީ ބަދަލުތަކުގެ މައްސަލަ ތަކާއި، ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި، ވިޔަފާރި އާއި ޒުވާނުން ބާރުވެރި ކުރުވުމާއި، މީހުން ބިނާކުރުމާއި މިންތީގެ ހަމަހަމަކަމާއި އަދުލުއިންސާފުގެ ދާއިރާއާއި މިނޫންވެސް އެތަކެއް ރޮނގަކުން ރާއްޖެއަށް އެހީތެރިކަން ލިބިފައިވެއެވެ. ރާއްޖޭގެ އުފެއްދުންތަކާއި ވިޔަފާރިއަށް ދުނިޔޭގެ ބާޒާރުން ފުރުޞަތުތައް ފަހިކޮށްދެވި، ރާއްޖޭގެ އިގްޠިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއާއި، އިންސާނީ ވަޞީލަތް ތަރައްޤީ ކުރުމުގައި އެކުވެރި ޤައުމުތަކާއި، ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި، ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގެ އެހީތެރިކަން އިތުރުކުރެވިފައިވާކަމަށް އެމް.އާރު.އެމް އިން ވިދާޅުވިއެވެ.

ކޮމަންވެލްތުއާއި ގުޅުމުން އިޖްތިމާއީ ސިޔާސީ އަދި ތަރައްގީގެ ދާއިރާއިން އެޖަމިއްޔާގެ ގައުމުތަކާއި ގުޅިގެން މަސައްކަތްކޮށް، ކުދި އަދި ބޮޑެތި ގައުމުތަކުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމަށް އެޅިގެން ދިޔަ ބޮޑު ފާލަމެކެވެ. ކޮމަންވެލްތުގެ ޤައުމަކަށް ދިވެރިރާއްޖެވުމަށް އޭރު ވަރަށް ގިނަގުނަ އަދި ބުރަ މަސައްކަތްތަކެއް ކުރެވިފައި ވެއެވެ. މިގޮތުން ކުރެވުނު މަސައްކަތްތަކުގެ ފަހަތުގައި އެންމެ އިސްކޮށް ހުންނެވި އެއްބޭފުޅަކީ ރާއްޖޭގައި އެންމެ ދިގުމުއްދަތަކަށް ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ، ކުރީގެ ޚާރިޖީ ވަޒީރު އަލް މަރުހޫމް ފަތުހުﷲ ޖަމީލެވެ. މި ފުރުސަތުގައި އެމަނިކުފާނުގެ ވަޒީރު ކަމުގައި ދިވެހިރާއްޖެ މިދެކޭ ތަރައްގީ ގެނެސްދެއްވުމަށްޓަކައި ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަކުރައްވާކުމުގައި އެމް.އާރު.އެމް އިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ