ޔުވެންޓަސްގައި ރޮޮނާލްޑޯއަށް ރެކޯޑެއް

އިޓާލިއަން ސީރީއާގައި ފިއޮރެންޓީނާއާއި ދެކޮޅަށް ޖެހި ދެލަނޑާއެކު ކްރިސްޓިއާނީ ރޮނާލްޑޯ ޔުވެންޓަސްގައި ރެކޯޑެއް ހަފައިފިއެވެ.

އިޓާލިއަން ސީރީއާގައި އެންމެފަހުން ޔުވެންޓަސްއަށް ކުޅުނު ނުވަ މެޗުގައިވެސް ރޮނާލްޑޯ ލަނޑު ޖަހާފައިވާއިރު، ވޭތުވެދިޔަ 15 އަހަރު ޖެހިޖެހިގެން ނުވަ މެޗުގައި ޔުވެންޓަސްއަށް ލަނޑު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާއަށް ރޮނާލްޑޯވަނީ ވެގެން ގޮސްފައެވެ. މީގެ 15 އަހަރުކުރިން 2005 ވަނަ އަހަރު ޑޭވިޑް ޓްރެޒެގެޓްވަނީ ޖެހިޖެހިގެން ނުވަ މެޗުގައި ޔުވެންޓަސްއަށް ލަނޑު ޖަހައިދީފައެވެ.

އަލިއެންސް ސްޓޭޑިއަމްގައި ރޭ ފިއޮރެންޓީނާއާއި ދެކޮޅަށް ކުޅުނު މެޗު ޔުވެންޓަސްއިން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ޔުވެންޓަސްއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެލަނޑު ރޮނާލްޑޯ ކާމިޔާބުކޮށްދީފައިވާއިރު އަނެއްލަނޑު ކާމިޔާބުކޮށްދިނީ ޑެލީޓްއެވެ. ރޮނާލްޑޯ ދެލަނޑުވެސް ޖަހާފައިވަނީ ލިބުނު ދެޕެނަލްޓީއިންނެވެ. 2018 ވަނަ އަހަރު ޖުވެންޓަސްއާއި ގުޅުނު ރޮނާލްޑޯވަނީ މިހާތަނަށް ކުޅެދިން 70 މެޗުން 50 ލަނޑު ޔުވެންޓަސްއަށް ކާމިޔާބުކޮށްދީފައެވެ.

މިމޮޅާއެކު އެއްވަނާގައި އޮތް ޔުވެންޓަސްއަށް 22 މެޗުން 54 ޕޮއިންޓްވަނީ ލިބިފައެވެ. ދެވަނާގައި އޮތް އިންޓަރ މިލާންއަށް ލިބިފައިވަނީ 51 ޕޮއިންޓެވެ.

ސީރީއާގައި އުޑިނޭސްއާއި ދެކޮޅަށް އިންޓަރމިލާން ރޭ ކުޅުނު މެޗު ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އިންޓަރއިން ޖެހި ދެލަނޑުވެސް ކާމިޔާބުކޮށްދީފައިވަނީ ރޮމެލޫ ލުކާކޫއެވެ. ލުކާކޫވަނީ ސީރީއާގައި ރަށުން ބޭރުގައި އިންޓަރއަށް ކުޅުނު 11 މެޗުން 12 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ