އިއްޔެގެ ނިޔަލަށް، ފަތުރުވެރިކަމުގެ 13287 ބުކިން ކެންސަލްވެއްޖެ ކަމަށް ރައީސް ޞޯލިހު ވިދާޅުވެއްޖެ އެވެ.
"މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑަށް ހިޔަނި އެޅިފައި. މިބަލީގެ ނުރައްކާތެރިކަން ޢާންމުވި ދުވަހުން ފެށިގެން، އިއްޔެގެ ނިޔަލަށް، ފަތުރުވެރިކަމުގެ 13287 ބުކިން ކެންސަލްވެއްޖެ" ރައީސް ޞޯލިހު ވިދާޅުވެއްޖެ އެވެ.
މިކަމުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށް، މިއަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސް ޞޯލިހު ވިދާޅުވިއެވެ. މިދިޔަ އަހަރުވެސް ބޭރު ދުނިޔޭގައި ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ ޙަރަކާތްތަކެއް ހިންގުނު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ޞޯލިހު މިހެން ވިދާޅުވެފައި ވާއިރު، ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު އިއްޔެ ވިދާޅުވީ މިއަދުން ފެށިގެން ޗައިނާ މަގުން އެއްވެސް ފަރާތަކަށް ރާއްޖެ އެތެރެ ނުވެވޭނެ ކަމަށެވެ. މިއީ ރައީސް ޞޯލިހުގެ ނިންމެވުމެއް ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
މިއީ އިޤްތިޞާދީ ގޮތުންވެސް ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުން އެނގި ތިބެ، ވައިގެ މަގުން ކުރެވޭ ބައިނަލްއަޤްވާމީ ބައެއް ދަތުރުތައް އަޅުގަނޑުމެން މެދުކަނޑައިލީ ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުން ކަމުގައި ވާތީ ކަމަށް ރައީސް ޞޯލިހު ވިދާޅުވިއެވެ.
މި ދައުރު ނިމުމުގެ ކުރިން، ކޮންމެ އަހަރަކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު، 2.5 މިލިއަނަށް އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.



