މީގެ ކުރިން އިވެމުންދާ ވާހަކައަކީ މާލޭގައި އިމާރާތްކުރަމުންދާ އިމާރާތްތަކުގެ މަތިން އެއްޗެހި މަގުމައްޗަށް ވެއްޓޭ ވާހަކައެވެ. އެހެންނަމަވެސް މިހާރު މާލޭގެ މަގުތައް މައްޗަށް އެއްޗެހި ފައިބަމުންދަނީ އިމާރާތްކުރަމުންދާ އިމާރާތްތަކުން އެކަންޏެއް ނޫނެވެ. މީހުން ދިރިއުޅޭ އިމާރާތް ތަކުންވެސް ހިފާ ގެންގުޅޭ ސާމާނުންފެށިގެންގޮސް ބޮޑެތި ކުނިކޮތަޅުތައްވެސް މަގުތައްމައްޗަށް ފައިބަނީއެވެ. ވޭތުވެދިޔަ ހަމަސް ދުވަހު ތެރޭގައި ވެރިރަށް މާލޭގެ ގެތަކުން މަގުމައްޗަށް އެއްޗެއް ނުވެއްޓޭ ދުވަހެއް ނާދޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
16 ޑިސެމްބަރ 2018 ވަނަ ދުވަހު މާލޭގެ މަގުމަތިން ހިނގާފައިދިޔަ ކުޑަކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއްވެއްޓި، އެތުއްތު ކުއްޖާ މިދުނިޔެއާއި އަލްވަދާއުކިއި ހިތާމަވެރި ހާދިސާއިން އިބްރަތެއް ލިބުނު ހަމަ އެންމެ ދިވެއްސެއްވެސް މާލޭގެ ފަސްގަނޑުގައި ނެތީހެއްޔެވެ؟ އެކަމުން އިބުރަތެއް ލިބުނުނަމަ 18 ފެބްރުއަރީ 2019 ވަނަ ދުވަހު މާލޭގެ ގެއެއްގެ 6 ވަނަ ބުރިން ކުނިކޮތަޅެއް ވެއްޓި މީހަކަށް އަނިޔާއެއް ނުވީހެއެވެ. 06 މާރޗް 2019 ވަނަ ދުވަހު އިމާރާތަކުން ބާލިދީއެއް ވެއްޓި މީހަކަށް އަނިޔާއެއް ނުވީހެވެ. 2019 ޖަނަވަރީ 07 ވަނަ ދުވަހު އިމާރާތްކުރުން ހުއްޓިފައިވާ އިމާރާތަކުން ލަކުޑިބުރިއެއްވެއްޓި މުސްކުޅި މީހެއްގެ ބޯ ފަޅައިގެން ނުދިޔައީހެވެ. 2019 ފެބްރުއަރީ 24 ވަނަ ދުވަހު ގޮޑިއެއްގެ ފުރޮޅުވެއްޓި ފުރޮޅުން ޖެހި ކުއްޖަކަށް އަނިޔާ ނުވީހެވެ. އަނިޔާވީ މީހުންގެ ވާހަކަ ލިޔާނަމަ ލިޔެ ހުސްނުވެއެވެ. އެދުވަސް ފަހުން އިމާރާތް ތަކުން އެއްޗެހި ވެއްޓި މީހުންނަށް އަނިޔާވަމުންދާ ޢަދަދު އިތުރުވެއްޖެއެވެ.
މާލޭގެ މަގުމައްޗަށް ނިކުތުމަށްފަހު ދާންބޭނުންވާ ތަނަކަށް ސަލާމަތުން ދެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ. ދުއްވާ އެއްޗެހި ގިނަވެ އެކްސިޑެންޓްތައް ގިނަކަމުން ހިނގާލަން އޮންނަ ކުޑަކުޑަ ޕޭމަންޓުންވެސް ހިނގާލާފައި ދެވެންނެތީއެވެ. އިމާރާތްތަކުން އެއްޗެހި ވެއްޓި އެކަމުގެ އުދަގޫތައްވެސް ކުރިމަތިވަނީއެވެ. ހެލްމެޓް އަޅަން މުހިންމީ ދުއްވާ މީހުންނެއް ނޫނެވެ. ހިގާ މީހުންވެސް އެމީހުންގެ ރަށްކާތެރިކަމަށްޓަކައި ހެލްމެޓް އަޅަން ފަށަންވީއެވެ.
މިއީ ކޮންބައެއްގެ އިޙްމާލުން ވާކަމެއްތޯއެވެ؟ މިކަމުގައި ކުއްވެރިކުރެވޭނެ ވަކިފަރުދެއް، ވަކި މުއައްސަސާއެއް، ވަކި ސިޔާސީ ޕާޓީއެއް ނެތެވެ. މިއީ އެންމެ މަތީ ފެންވަރުގެ މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް އިޙްމާލްވެފައިވާ ކަމެކެވެ. އިމާރާތްތަކުން އެއްޗެހި ނުވެއްޓޭނެ ގޮތަކަށް ގޭގައި ގެންގުޅޭ ސާމާނު ބެހެއްޓުމަކީ ކޮންމެ ގެއެއްގައި ދިރިއުޅޭ މީހުންގެ ޒިންމާ އެކެވެ. މާލޭގައި ކުދިކުދި އިމާރާތްތަކުގައި ބައިވަރު މީހުން ދިރިއުޅޭއިރު އެންމެން ދިރުއުޅުމަށް ބޭނުންކުރާ އެއްޗެހި ކުޑަ ތަންކޮޅެއްގައި ގެންގުޅުމަކީ އުދަގޫ ކަމެއް ކަމުގައި ވީނަމަވެސް، އެތަކެތިން އާންމު ރައްޔިތުންނަށް އުދަގޫނުވާނެފަދަ ގޮތަކަށް ގެންގުޅުމަކީ މިއަދު އެންމެންވެސް ކުރަން ޖެހިފައިވާ ކަމެކެވެ.
މި ކުޑަކުޑަ މާލެއަކީ ވަރަށް ގިނަބަޔަކު އެމީހުންގެ މުސްތަޤްބަލު އުޖާލާކުރުމަށްޓަކައި އައިސް ތިބިތަނެކެވެ. މިތަނަށް ދިރިއުޅެން ނައިސް އެމީހުންނަކަށް މުސްތަޤްބަލުގައި ދިވެހި ޤައުމަށް ޚިދުމަތް ކޮށްދިނުމަށްޓަކައި ރަނގަޅު ތަޢުލީމެއް ލިބޭކަށް ނެތެވެ. ރަނގަޅު ސިއްޚީ ޚިދުމަތެއްވެސް މާލެއިން ނޫންތަނަކުން ލިބޭކަށް ނެތެވެ. އެހެންކަމުން މިހުރިހާކަމަކަށް އިޙްތިރާމްކޮށް އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވެ، އިމާރާތްތަކުން އެއްޗެހި ވެއްޓުން ހުއްޓޭނެގޮތަކަށް ދިރިއުޅުމުގެ ކަންތައްތައް ބިނާކުރަމާތޯއެވެ. މިފަސްގަނޑުން އަޅުގަނޑުމެންގެ އިޙްމާލުން އިތުރު ފުރާނައެއް ވަކިނުވަނީސް ޒިންމާ އަދާކުރައްވާށެވެ.